04 Apr 2016, 11:45
އިޓާލިއަން ލީގްގެ ދަވަނައިގައި އޮތް ނަޕޯލީން ރޭ 1-3ގެ ނަތީޖާ އަކުން އުދިނޭސީ އަތުން ބަލިވެ، އެއް ވަނާގައި އޮތް ޔުއެންޓަސްއާ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު އެ ޓީމުން ގެއްލުވާލައިފިއެވެ.
ރޭގެ ނަތީޖާއާ އެކު 67 ޕޮއިންޓާއެކު ނަޕޯލީ ދެވަނާގައި އޮތް އިރު އެއްވަނާގައި އޮތް ޔުވެންޓަސް އަށް ލިބެނީ 73 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ރޯމާ އަށް 63 ޕޮއިންޓް ލިބޭ އިރު، އެ ޓީމު ރޭ ކުޅުނު މެޗު 4-1ގެ ނަތީޖާ އަކުން ލާޒިއޯ އަތުން ވަނީ މޮޅުވެފައެވެ.
އުދިނޭސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީ ކޮޅުގައި ލިބުނު ޕެނަލްޓީއަކުން ބުރޫނޯ ފެނާންޑޭސް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މެޗުގައި ނަޕޯލީން ކާމިޔާބު ކުރި ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ހިގުއޭން އެވެ.

އިޓާލިއަން ލީގުގައި ރޭ އުދިނޭސީ ކޮޅަށް ލަނޑުޖެހުމަށްފަހު ނަޕޯލީގެ ހިގުއޭން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ނަޕޯލީން ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައި ވަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އުދިނޭސީން ވަނީ ގޯލެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ގޯލު ފެނާންޑޭސް ކާމިޔާބުކުރީ ޒަޕަޓާ ނަގައިދިން ހުރަސް އޯވަ ހެޑަކުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ލީގު ތާވަލުގެ 15 ވަނާގައި އޮތް އުދިނޭސީން ނަޕޯލީ ކޮޅަށް ޖެހި ތިން ވަނަ ގޯލު ދެވަނަ ހާފުގެ 57 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ސީރިލް ތެރާއު އެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ސިލްވަން ވިޑްމާ ނަޕޯލީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ފުންމައިގެން އަރައި، ފައިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އިޓާލިއަން ލީގުގައި ރޭ އުދިނޭސީ ކޮޅަށް ލަނޑުޖެހުމަށްފަހު ނަޕޯލީގެ ހިގުއޭން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އެ ގޯލަށްފަހު ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އައި އުދިނޭސީން ވަނީ ނަޕޯލީގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ރޭގެ މެޗުގެ 76 ވަނަ މިނެޓުގައި ނަޕޯލީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިން ހިގުއޭން އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލައިފަ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ތާވަލުގެ ހަ ވަނައިގައި އޮތް އޭސީ މިލާން ވަނީ 1-2ގެ ނަތީޖާ އަކުން 11 ވަނައިގައި އޮތް އެޓްލާންޓާ އަތުން ބަލިވެފަ އެވެ. އަދި ތާވަލުގެ ފަސްވަނާގައި އޮތް އިންޓަމިލާން 1-2ގެ ނަތީޖާ އަކުން 12 ވަނައިގައި އޮތް ޓޮރީނޯ އަތުން ވަނީ ބަލިވެފަ އެވެ.