04 Apr 2016, 11:23
އެމްޑަބްލިއުއެސްސީގެ ފެން ޕްލާންޓްގައި ރޯވުމުގެ ސަބަބުން މާލެއަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑަށް ލިބުނު ފައިސާ އިން ކުރެވުނު މަސައްކަތްތައް ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ހަތް މެމްބަރަކާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ހިމެނޭ ގޮތުން ޖުމްލަ އަށް މެމްބަރުންގެ ސޮއިއާ އެކު އެވެ.
މެމްބަރުން މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ މާލެ އަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދާ ސިޓީއަކަށްވާ އިރު، ފެނާއި ކަރަންޓު އަދި ނަރުދަމާއަށް ދިމާވާ ކޮންމެ މައްސަލަ އަކީ އެކަމުގެ ދަތި އުނދަގޫ އެތައް ރައްޔިތުންނަކަށް ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.
އެގޮތުން 2014 ވަނަ އަހަރު އެމްޑަބްލިއުއެސްސީގައި ހިނގި ހާދިސާއަށް ފަހު އެފަދަ ހާދިސާތައް ތަކުރާރު ނުވާނޭ ފަދަ ބެކަޕް ޕްލޭންއެއް ހަމަޖެހިފައިވާނޭ ކަމަށް ގަބޫލު ކުރެވިފައިވީ ނަމަވެސް މި މަހުގެ ދެވަނަ ދުވަހު މުޅި މާލެއިން ކަރަންޓް ދިއުމާ ގުޅިގެން ކަމަށް ބުނެ އިއްޔެ މާލޭގެ ބޮޑުބަޔަކުން ފެން އެއްކޮން ކެނޑިފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
ވީމާ 2014 ވަނަ އަހަރު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުޅުވި ފަންޑު ފޮއްޓައް އެއްކުރެވުނު އެތައް މިލިއަން ޑޮލަރަށް ކުރެވުނު މަސައްކަތަކީ ކޮބައިތޯ ބެލުމަށް އެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
އޭގެ އިތުރުން، ފެނުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުން މެދު ކެނޑޭ ފަހަރުތަކުގައި އެކަމަށް އެކުލަވާލެވިފައިވާ އެކަން ހައްލުކުރުމަށް އެކުލަވާލައިފައިވާ ޕްލޭންއަކީ ކޮބައިކަން ސާފުކުރުމަށާއި، ކަމާ ބޭހޭ ފަރާތްތައް ކޮމެޓީއަށް ހާޒިރުކޮށް ކުރިއަށް އޮތްތަނުގައި އެފަދަ މައްސަލަތައް ހައްލުކުރުމަށް އޮތް އިންތިޒާމްތަކަކީ ކޮބައިތޯ އޮޅުންފިލުވުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
އެމްޑަބްލިއުއެސްސީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ އެ ހާދިސާ އިން އަރައިގަތުމަށް 20 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
ސަރުކާރުން މިހާތަނަށް އާންމުކޮށްފައިވާ ހިސާބުތަކުން އެ ފަންޑަށް 4.7 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެ ފަންޑަށް ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނާ، ބޮޑެތި ކުންފުނިތަކުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ބޮޑެތި އެހީތައް ފޯރުކޮށްދީފަ އެވެ.