ދިރާގު ފޯނުލައިންތައް ކެނޑިފައި ހުރުމުގެ ސަބަބުން ފެމެލީ ކޯޓަށް ދިމާވެފައިވާ ކައިވެނި ނުކޮށްދެވުމުގެ މައްސަލަ އަދިވެސް ހައްލުނުވާ ކަމަށް އެކޯޓުން ބުނެފި އެވެ.

ފެމެލީ ކޯޓު ކައިވެނީގެ ރަޖިސްޓާ އަހުމަދު އަބްދުﷲ މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ އަދިވެސް ހައްލުނުވާ އިރު މައްސަލަ ހައްލު ކުރެވޭނެ ވަކި ދުވަހެއް ވެސް ވިދާޅުވުމަށް ނޭނގޭ ކަމަށެވެ.

ފެމެލީ ކޯޓުން ބުނީ ދިރާގުގެ ފޯނުލައިންތަކުގެ ހިދުމަތް ކެނޑިފައި ހުރުމުގެ ސަބަބުން އެކޯޓުން ރަށު ކޯޓުތަކަށް ފޮނުވާ ފެކްސްތަކަށް ޖަވާބު ނުލިބުމުގެ ސަބަބުން ކައިވެނީގެ ރިކޯޑު ސާފު ނުކުރެވޭވޭތީ ތާވަލު ކޮށްފައިވާ ބައެއް ކައިވެނިތައް ކުރުމަށް ބުރޫ އަރާފައިވާ ކަމަށެވެ.

ނަމަވެސް ވައިބާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް ކައިވެނިތައް ކުރަމުން އަންނަ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގުގެ އެ މައްސަލަ ހައްލުވިހާ އަވަހަކަށް ދައްޗެއް ނެތި ކައިވެނި ކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ ފެމެލީ ކޯޓުގެ ލައިންތަކަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

ދިރާގުން ވަރަށް ފަހަކުން ވަނީ އެކުންފުނީގެ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފަ އެވެ.