ރާއްޖޭގެ ސިޔާސީ ހަޔާތަށް އަންނަ ބަދަލު ގަބޫލު ކުރައްވައި ރައްޔިތުން އެދޭގޮތަށް ގައުމު ދިޔަ ދެއްވުމަށް އެމްޑީޕީގެ އާ ނާއިބު ރައީސް އަލްހާން ފަހުމީ ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފި އެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެމްޑީޕީގެ އާއްމު ޖަލްސާގައި ރައީސް މައުމޫނަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ، އާއިލީ ވެރިކަމާއި ރަސްކަމުގެ ފިކުރު ދޫކޮށްލެއްވުމަށް ވެސް ރައީސް މައުމޫނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޒެޑް ޑީއާރުޕީގެ ލީޑަރު ރައީސް މައުމޫނަށް އަޅުގަނޑު މިރޭ އިލްތިމާސްކުރަން ބޭނުން ވަނީ މި ރާއްޖޭގެ ސިޔާސީ ހަޔާތަށް މި އަންނަ ބަދަލު ގަބޫލު ކުރައްވާށޭ. އަޅުގަނޑު ދަންނަވާލަން ބޭނުން އާއިލީ ވެރިކަމާއި ރަސްކަމުގެ ފިކުރު ދޫކޮށްލައްވައި ގައުމު، ގައުމުގެ ރައްޔިތުން އެދޭ ގޮތަށް ދިޔަ ދެއްވާށޭ. ހުރަސް ނާޅުއްވާށޭ،" ރައީސް މައުމޫން ސިޔާސީ މައިދާނަށް ނެރުއްވި އަލްހާން ވިދާޅުވި އެވެ.

އެމްޑީޕީގެ ނާއިބު ރައީސްކަން ލިބިވަޑައިގެންފި ނަމަ ޕާޓީގެ މެންބަރުންގެ އަދަދު ލައްކައަކަށް އަރުއްވާނެ ކަމަށް ވިދާޅުވެ ކުރެއްވި ކެމްޕެއިން ވައުދު ތަކުރާރު ކުރައްވައި އަލްހާން ވިދާޅުވީ، އިދިކޮޅު ޑީއާރުޕީ މިހާރު އޮތް ހާލަތުން އެ އަދަދު ހަމަނުވާންވީ ސަބަބެއް ނެތް ކަމަށެވެ.

"ނިކަން ބައްލަވާ އިދިކޮޅު މީހުންގެ ހާލަތު. އެ އޮތީ ކޮށި ދަނޑު ގެއްލި ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލިފައި. މިއަދު އެތިބީ ބަނީ އިސްރާއީލް ބާގައިގެ މީހުން ސަލާންޖަހަން ތިބިހެން މަގުމާތީގައި އިށީންދެގެން. އެފަދަ ހާލެއްގައި އޮތް އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތް ގައުމެއްގައި އަޅުގަނޑުމެންނަށް އެއްލައްކަ މީހުން ހަމަނުވާންވީ ސަބަބެއްނެތް،" އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޖުމްލަ ވޯޓުލި 16000 ވަރަކަށް ހާސް މީހުންގެ ތެރެއިން 10000 ވަރަކަށް ވޯޓުން ގޮނޑި ހޯއްދެވި އަލްހާން ވިދާޅުވި އެވެ.

ތަކެތީގެ އަގުތައް މަތި ވުމުގެ ސަބަބުން ޒުވާނުން އިސް ނަގައިގެން މާލޭގައި ބާއްވަމުން އަންނަ މުޒާހަރާތަކަކީ ޑީއާރުޕީން ކުރިއަށް ގެންދާ ކަންތައްތަކެއްކަން އިޝާރާތް ކުރައްވައި އަލްހާން ވިދާޅުވީ، އެ މަސައްކަތްތަކަކީ ގައުމަށް އެއްވެސް ފައިދާއެއްވާނެ ކަންތަކެއްނޫން ކަމަށެވެ. އަދި އެ ކަންތައް އުނދަގޫ ވާވަރަށް ތަކުރާރުކުރާ ނަމަ އެމްޑީޕީގެ ލީޑަޝިޕަކުން މަޑުން ނޯންނާނެ ކަމަށާއި ގައުމު ހަމަޔަކަށް އަޅުވާނެ ކަމަށެވެ.

"ގައުމުގެ ހާލަތާއެކީ އުޅެން ދަސްކުރަން އެބަ ޖެހޭ. އަޅުގަނޑުމެން މިއަދު ގަބޫލު ކުރަން ޖެހޭ ހާއްސަކޮށް 30 އަހަރުގެ ލީޑާޝިޕުން ގަބޫލު ކުރަންޖެހޭނެ، ހުދު އަޅުގަނޑުގެ ކުޑަ ދެ ދަރިން ދުނިޔެއަށް އައީ އެމީހުން ކެއި ކާއެއްޗެތީގެ ދަރަނި ބޮލުގައި އަޅައިގެންކަން. ތިމާމެން އަމިއްލަ އަށް މި ގައުމު އަނދަވަޅަކަށް ވައްޓާލުމަށް ފަހު މަޖީދީ މަގުގައި ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ތިބެގެން މުޒާހަރާ ކުރިއަސް މި ކަމަކަށް ހައްލެއް ނުލިބޭނެ،" އަލްހާން ވިދާޅުވި އެވެ.