ރާއްޖޭގެ މީޑިއާގެ މިނިވަން ކަމަށް ގޮވާލައި ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް އިދިކޮޅު އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މައްސަލައެއް ހުށަހަޅައިފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމަށް އިންތި ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވީ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ މައި އެއް ތަނބު ކަމަށެވެ. ނަމަވެސް ސަރުކާރުން ނޫސްވެރިކަމަށް ކުރިމަތިކުރުވާ ހުރަސްތަކަކީ ގަސްދުގައި ރާވައިގެން ހިންގާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ ބާރާއި ސިޔާސީ ނުފޫޒު ފޯރުވައިގެންނާއި ފަނޑިޔާރުން ބޭނުންކޮށްގެން ދައުލަތުން މިއަދު އަންނަނީ ނޫސްވެރިން "ފިއްތައިލައި އޮބަހައްޓައި" ބިރުވެރިކަމެއްގެ ތެރެއަށް ފައްތަމުން ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި): ފޮޓޯ/ މަޖިލިސް

އިންތިގެ ސިޓީގައި އިއްޔެ ނޫސްވެރިން ކުރި އިހުތިޖާޖާއި އަދި އެ އިހުތިޖާޖާ ގުޅިގެން 16 ނޫސްވެރިޔަކު ހައްޔަރުކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

އިންތި ވިދާޅުވީ ނޫސްވެރިންނާ ދޭތެރޭ އަމަލު ކުރަމުން އަންނަ ގޮތް ތަހުގީގު ކުރާ ފަރާތްތަކުން ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ޑިމޮކްރަސީއަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސިޓީގައި އިންތި ވިދާޅުވީ އެކަމަކު މީޑިއާގެ މިނިވަންކަން "އެއްކޮށް ނިގުޅިގެން ހިނގައިދާނެ" ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލައާ ގުޅުން ހުރި މައްސަލަތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށް އެ ކޮމެޓީގައި މައްސަލަ ބައްލަވައި ދެއްވުން އެދޭ ކަމަށް އިންތި ވިދާޅުވި އެވެ.