އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތޭމްޓަން ބަލިކޮށް، ލީގުގެ އެއް ވަނައިގައި ލެސްޓާ ސިޓީން ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.

ލެސްޓާގެ އަމިއްލަ ދަނޑު، ކިންގު ޕަވާ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ސައުތޭމްޓަން އަތުން މޮޅުވީ 1-0 ލަނޑުންނެވެ.

މި ނަތީޖާއާއެކު ލީގުގެ އެއް ވަނައިގައި ކުޅުނު 32 މެޗުން ލެސްޓާއަށް ލިބިފައިވަނީ 69 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް 32 މެޗުން 62 ޕޮއިންޓު ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް އާސެނަލަށް 31 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ކުޅުނު 31 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ އާއި ސައުތޭމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލެސްޓާ މޮޅުވީ 1-0 ލަނޑުން -- ފޮޓޯ: އޭޕީ

ރޭ ކުޅުނު މެޗުގެ 35 ވަނަ މިނެޓުގައި ސައުތޭމްޓަނުން ލެސްޓާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. ސައުތޭމްޓަންގެ ހޯސޭ ފޮންޓޭ، 30 ޔާޑު ދުރުން އުފެއްދި ހަމަލާ ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް ވަނީ އަތުން ޖައްސައި، ބޯޅަ ބޭރުކޮށްލައިފަ އެވެ.

އެ މެޗުގެ 38 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލީޑު ހޯދައިފަ އެވެ. ކްރިސްޓިއަން ފުޝް ނަގައިދިން ހުރަހަކުން ލެސްޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ޑިފެންޑަރު، ވެސް މޯގަން އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ އާއި ސައުތޭމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލެސްޓާ މޮޅުވީ 1-0 ލަނޑުން -- ފޮޓޯ: އޭޕީ

މެޗުގެ 59 ވަނަ މިނެޓުގައި ލެސްޓާއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ލެސްޓާގެ ޖެމީ ވާޑީއަށް ޑެނިއެލް ޑްރިންކްވޯޓާ ދިން ބޯޅަ، ފޮންޓޭގެ ފައިގައި ޖެހި ބައިކޮޅަށް ވަންނަން ދަނިކޮށް، ސައުތޭމްޓަނުގެ ގޯލްކީޕަރު ފްރޭސާ ފޯސްޓާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ލަނޑުންނެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މެޗުގެ 54 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ފެނުނު ޓިމޮތީ ފޮސޫ މެންސާ ނަގައިދިން ހުރަހަކުންނެވެ.

ލީގުގައި ޔުނައިޓެޑް އޮތީ ކުޅުނު 31 މެޗުން ލިބުނު 53 ޕޮއިންޓާއެކު ފަސް ވަނައިގައެވެ. އަދި ލީގުގައި އެވަޓަން އޮތީ ކުޅުނު 30 މެޗުން ލިބުނު 38 ޕޮއިންޓާއެކު 12 ވަނައިގައެވެ.