04 Apr 2016, 09:54
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން އެއްވެސް މުއާމަލާތެއް ނުކުރާ 922 އެކައުންޓެއް ބަންދުކުރަން އެ ބޭންކުން ނިންމައިފި އެވެ.
ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު 2010/24 ގެ ސެކްޝަން 35 ގައި ބަޔާންކޮށްފައިވާ ގޮތުން އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކޮށް ނުވަތަ ބޭންކަން ލިޔުމަކުން އަންގާފައިނުވާ، ފަސް އަހަރުދުވަސް ވެފައިވާ އެކައުންޓަކީ "ޑޯމަންޓް އެކައުންޓް" އެއްގެ ގޮތުގައި ބެލެވޭނެ އެވެ.
އެގޮތުން އެ ބޭންކުގައި ހުޅުވާފައިވާ 922 އެކައުންޓެއްގެ ނަން ހާމަކޮށް އެ ބޭންކުން ބުނީ، އެއީ އެސްބީއައި މާލެ ބްރާންޗްގެ ރެކޯޑްތައް ދައްކާގޮތުން ޑޯމަންޓް އެކައުންޓްތަކެއް ކަމަށެވެ.
އެ ބޭންކުން ބުނީ ޑޯމަންޓް އެކައުންޓެއް އެ ބޭންކުގެ މާލެ ބްރާންޗްގައި އޮތްނަމަ އެފަރާތަކުން އެ ބޭންކަށް އެކަން އަންގަންޖެހޭނެ ކަމަށެވެ.
އެސްބީއައި އިން ނިންމާފައި ވަނީ އަންނަ މޭ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެކައުންޓްގެ ވެރިފަރާތުން ބޭންކާ އެއްވެސް މުއާމަލާތެއް ނުކޮށްފިނަމަ އެފަދަ އެކައުންޓްތައް ބަންދުކޮށް ބޭންކިން ގާނޫނުގައިވާ ފަދައިން އެ އެކައުންޓްތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލުކުރުމަށެވެ.
އެސްބީއައިގެ އިއުލާނުގައި ބުނީ ޑޯމަން އެކައުންޓެއް އެ ބެންކުގައި އޮތްނަމަ އެ އެކައުންޓެއްގެ ވެރި ފަރާތުން އައިޑީކާޑު ހިފައިގެން ގޮސް އެކައުންޓާމެދު އަމަލުކުރަން ބޭނުންވާ ގޮތް ވީހާވެސް އަވަހަށް އެންގުމަށް އެދޭ ކަމަށެވެ.