04 Apr 2016, 09:56
އެފްއޭއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 16 އަހަރުން ދަށުގެ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ޖާގަ، ތާޖުއްދީން ސްކޫލް ބަލިކޮށް ޣާޒީ ސްކޫލުން ހޯދައިފި އެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ތާޖުއްދީނާ ދެކޮޅަށް ކުޅުނު ގްރޫޕް ތިނެއްގެ މެޗުން ޣާޒީ ސްކޫލް މޮޅުވީ 4-1 ލަނޑުންނެވެ. ގުރޫޕުގައި އިއްޔެ ހެނދުނު ކުޅުނު މެޗުގައި ރެހެންދި ސްކޫލު އަތުން އިސްކަންދަރު ސްކޫލު މޮޅުވީ، 9-1 ލަނޑުންނެވެ.
މި ނަތީޖާތަކާއެކު ގްރޫޕްގެ އެއް ވަނައިގައި އޮތް ޣާޒީ ސްކޫލާއި، ދެ ވަނައިގައި އޮތް އިސްކަންދަރު އަދި ތިން ވަނައިގައި އޮތް ތާޖުއްދީނަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ގްރޫޕްގެ އެއް ވަނަ ޣާޒީއަށް ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލުގައި އޮތް ރެހެންދިއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގައި އިއްޔެ ތާޖުއްދީން ސްކޫލް އާއި ޣާޒީ ސްކޫލު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
އިއްޔެ ހަވީރު ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ޣާޒީ ސްކޫލަށް ލީޑު ހޯދައިދިނީ ނިޝާމް ޒުބައިރު އެވެ. އެ ޓީމުގެ ދެވަނަ ލަނޑު، މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ނިޝާމް ޒުބައިރު އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0 ލަނޑުން ޣާޒީ ސްކޫލް ކުރީގައި އޮވެގެންނެވެ.
އެ މެޗުގެ ދެ ވަނަ ހާފް ފެށިތާ ތިން މިނެޓް ފަހުން ޣާޒީ ސްކޫލްގެ ތިން ވަނަ ލަނޑު ޖަހައިދިނީ ޔާމީން އަލީ އެވެ. އަދި އެޓީމުގެ ހަތަރު ވަނަ ލަނޑު، މެޗުގެ 63 ވަނަ މިނެޓުގައި ޖަހައިދިނީ އަލީ އަސްހަމް އަބްދުﷲ އެވެ.
އެ މެޗުގައި ތާޖުއްދީނު ސްކޫލު ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދަނިކޮށެވެ. މެޗުގެ 86 ވަނަ މިނެޓުގައި އެ ލަނޑު، ތާޖުއްދީނަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޒިދާން ނިޒާމެވެ.

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގައި އިއްޔެ ތާޖުއްދީން ސްކޫލް އާއި ޣާޒީ ސްކޫލު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނައިގައި އޮންނަ ޓީމެވެ. އެގޮތުން ތިން ގްރޫޕްގެ އެއް ވަނައިގައި އޮންނަ ޓީމުތަކުގެ މެދުގައި ލީގު އުސޫލުން ކުޅެ، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.
ދެ ވަނަ ބުރުގައި ޣާޒީ ސްކޫލާއެކު ވާދަކުރާނީ ގްރޫޕް އެކެއްގެ އެއް ވަނަ ދ. އަތޮޅު ތައުލީމީ މަރުކަޒާއި ގްރޫޕް ދޭއްގެ އެއް ވަނަ މުހުޔުއްދީން ސްކޫލެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ދ. އަތޮޅު ތައުލީމީ މަރުކަޒާއި މުހުޔުއްދީން ސްކޫލެވެ.