ޑޮލަރުގެ އަގު ދަށްކުރުމަށް ގޮވާލައި، ސަރުކާރާ ދެކޮޅު ފަރާތްތަކުން މާލޭގައި ކުރަމުން އަންނަ ބޮޑު މުޒާހަރާތަކުގެ ހަބަރުތައް ދުނިޔޭގެ މަޝްހޫރު ނޫސްއެޖެންސީތަކުން ފަތުރަން ފަށައި ސަމާލު ކަމަށް އަރައިފި އެވެ.

އަލްޖަޒީރާގެ ވެބްސައިޓްގައި އިއްޔެ ބުނެފައި ވަނީ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާއެއް ރޫޅާލުމަށް ޓަކައި ފުލުހުން މުގުރުބުރި އާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވި ކަމަށެވެ.

ނަމަވެސް އެތައް ހާސް ބަޔަކު އެއްވި މުޒާހަރާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައި ވަނީ "ކުރީގެ ރައީސް މައުމޫންއަބުދުލް ގައްޔޫމަށް ތާއިދުކުރާ 400 އެއްހާ މީހުން ހޮނިހިރު ދުވަހުގެ ރޭ މާލޭގެ މަގުތަކަށް ނުކުތް" ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާގައި ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ އަށް ގޮވިކަމަށް އަލްޖަޒީރާ އިން ވަނީ ބުނެފަ އެވެ. އަދި އެ މީހުން އެއްވީ ފައިސާގެ އަގު ދަށްވުމާއި އިގުތިސާދު ދަށަށް ދާތީ ކަމަށް ވެސް އަލްޖަޒީރާ އިން ވަނީ ބުނެފަ އެވެ.

މުޒާހަރާ ކުރި މީހުންގެ ސަބަބުން ކައިރީގައި ހުރި ގެތަކުގެ މީހުންނަށް އުނދަގޫވެގެން ޝަކުވާކުރުމާ ގުޅިގެން އެތަން ދޫކޮށް ދިއުމަށް އެމީހުންނަށް އެންގި ކަމަށާއި އެއާ އެކު މުޒާހަރާކުރި މީހުން ފުލުހުންނާ ދިމާއަށް ގާ އުކި ކަމަށް ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް އަލްޖަޒީރާ އަށް މައުލޫމާތު ދިން ކަމަށް ވެސް އެ ނެޓްވޯކުން ބުނެފައިވެ އެވެ.
މާލޭގައި ކުރި މުޒާހަރާގެ ހަބަރު ބީބީސީން ގެނެސްދީފައި ވަނީ އަންނަނިވި ގޮތަށެވެ.

"އިގުތިސާދީ ހާލަތު ގޯސްވަމުންދާތީ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލައި އެތައް ހާސް ބަޔަކު އެއްވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުގެ ފަރާތަކުގެ ސްޕޯކްސްމެން ބުނި ގޮތުގައި އާއްމުކޮށް ސުލްހަވެރިކަން މަތީ އޮންނަ ޓޫރިސްޓުންގެ "ސުވަރުގޭގައި" ފަތިހު ހިނގި ހަމަނުޖެހުންތަކުގައި 30 މީހުންނަށް އަނިޔާވި އެވެ.

ތިރީސް އަހަރުވީ ޚުދުމުހުތާރު ވެރިކަން ނިމުމަކަށް ގެންނެވުމަށް ފަހު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ 2008 ވަނަ އަހަރު ބޭއްވި ގިނަ ޕާޓީ ވާދަކުރި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ."

އިންޑިޔާގެ ދަހިންދޫ ނޫހުގެ ވެބްސައިޓްގައި ލިޔެފައިވެ އެވެ.

"ދިވެހި ރާއްޖޭގެ ހާލަތު ބެއްލެވުމަށްޓަކައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް ބޭފުޅަކު ވަޑައިގެން އުޅުއްވަނިކޮށް ހޮނިހިރު ދުވަހު މަގުތަކަށް އެއްވެއްޖެ އެވެ.

މީހުން އެއްވީ ދިވެހި ރުފިޔާ 20 ޕަސެންޓް ބޭންޑްވިތެއްގައި ފްލޯޓް ވުމަށް ސަރުކާރުން ދޫކޮށްލުމުންނެވެ. އެކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވަނީ 20 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ދިވެހި ރާއްޖެއަކީ އެގައުމަށް ބޭނުންވާ މުހިއްމު ހުރިހާ ތަކެއްޗަކާއި ތެޔޮ ވެސް ބޭރުން އެތެރެކުރާ ގައުމަކަށް ވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަނީ ވަރަށް ދަތިވެފަ އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކާ ހަވާލާދީ ބޭރުގެ އިތުރު އެތައް ނޫސްއެޖެންސީތަކަކުން މުޒާހަރާގެ ހަބަރުތައް ގެނެސްދީފައިވެ އެވެ.