މިހާރު ސޯޝަލް މީޑިއާގައި އެންމެ ގަދަ އަށް ދެކެވޭ އެއް ވާހަކައަކީ ކުރީގެ ބޮލީވުޑްގެ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ކާދަރް ޚާން މަރުވެގެން އުޅޭ ވާހަކަ އެވެ.

އެހެންނަމަވެސް އޭނާ މަރުނުވާ ކަމަށާއި އޭނާ ގަދަވެ ސަލާމަތުން ހުރިކަން އޭނާގެ އާއިލާ އިން ދާދިފަހުން ވަނީ ކަށަވަރުކޮށްދީ ފައެވެ.

"ސޯޝަލް މީޑިއާގައި ފެތުރެނީ ދޮގު ވާހަކަ ތަކެއް. ކާދަރް މަރެއް ނުވޭ. މިއަދު ހަވީރުވެސް ވާހަކަ ދެއްކިން،" ޑައިރެކްޓަރު އައުޒިއާ އަރްޝީ އާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

މިއީ ކާދަރު މަރުވެގެން އުޅޭ ކަމަށްބުނެ ހަބަރު ފެތުރުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މީގެ އަހަރުތަކެއް ކުރިންވެސް އޭނާ މަރުވެއްޖެ ކަމަށްބުނެ ސޯޝަލް މީޑިއާގައި ވަނީ ހަބަރުތައް ފެތުރިފަ އެވެ.

މިހާރު އުމުރުން 70ގެ އަހަރުތައް ގުނަމުން އަންނަ ކާދަރް އަށް ވަނީ ވާހަކަ ދެއްކުމަށާއި ހިނގުމަށް ދަތިތަކާ ކުރިމަތި ވެފަ އެވެ.

ކާދަރު ވަނީ އޭނާގެ ފިލްމީ ހަޔާތުގައި ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އެގޮތުން ފިލްމުތަކުގައި އޭނާ ބޮޑަށް ފާހަގަކޮށްލެވެނީ މަޖާ ރޯލުތަކުންނެވެ.

ކާދަރު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި، ދުލްހޭ ރާޖާ، ހަމް، ޖުދާއީ އަދި ރާޖާ ބާބޫ ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.