04 Apr 2016, 09:32
އުމުރުން 84 އަހަރުގައި އިޓަލީގެ ކުރީގެ ޑިފެންޑަރު އަދި ކޯޗު ސިސާރޭ މަލްޑީނީ މަރުވެއްޖެ އެވެ.
އިޓަލީގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނުނު ޕައޮލޯ މަލްޑީނީގެ ބައްޕަ މަރުވީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.
ކުޅުންތެރިއެއްގެ ގޮތުގައި މަލްޑިނީގެ ފުޓްބޯޅަ ކެރިޔަރުގެ ބޮޑު ބައެއް ހޭދަކުރީ އިޓަލީގެ އެންމެ ކާމިޔާބު ކްލަބު އޭސީ މިލާނުގައެވެ. އެ ޓީމާއެކު 1954 އިން 1966 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު މަލްޑީނީ ވަނީ ހަތަރު ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް 1963ގައި ކްލަބާއެކު ޔޫރަޕިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ މިލާނަށް 400 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ.
މަލްޑީނީ ވަނީ އިޓަލީ ގައުމީ ޓީމަށް ވެސް 14 މެޗު ކުޅެފަ އެވެ. އިޓަލީ ގައުމީ ޓީމަށް 1960ގައި ފުރަތަމަ މެޗު ކުޅެ، އޭގެ ދެ އަހަރު ފަހުން ވޯލްޑް ކަޕްގައި އެޓީމަށް މަލްޑީނީ ކުޅެފައިވެ އެވެ.
ޓޮރީނޯއިން ކުޅުންތެރިއެއްގެ ގޮތުގައި 1967 ވަނަ އަހަރު ރިޓަޔާވުމަށްފަހު، 1972 ވަނަ އަހަރު މަލްޑީނީ އޭސީ މިލާނުގެ ކޯޗުކަމާ ހަވާލުވި އެވެ. މިލާނާ ހަވާލުވެ އޭނާ ވަނީ އެކުލަބަށް ޔޫރަޕިއަން ކަޕާއި ކޮޕާ އިޓާލިއާ ކާމިޔާބުކޮށްދީފަ އެވެ.
އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމުގައި 1980 އިން 1985ގެ ނިޔަލަށް މަސައްކަތްކުރި މަލްޑީނީ ވަނީ އޭގެ ދިހަ އަހަރު ފަހުން 1988 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕްގައި ގައުމީ ޓީމުގެ ކޯޗުކަން އަދާކޮށްފަ އެވެ.
މަލްޑީނީ ވަނީ ޕެރަގުއޭ ގައުމީ ޓީމު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ވެސް ކޮލިފައިކޮށްދީފަ އެވެ.