ބޮލީވުޑް އަދި ހޮލީވުޑްގައިވެސް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދެތިން ފަހަރެއްގެ މަތިން އަމިއްލަ އަށް މަރުވާން މަސައްކަތް ކުރި ކަމަށް ހަބަރުތައް ބުނެފިއެވެ.

ޕްރިޔަންކާގެ ކުރީގެ މެނޭޖަރު ޕްރަކާޝް ޖާޖޫ އާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، ޕްރިޔަންކާ އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތް ކުރީ އޭނާގެ ދިރިއުޅުމުގެ އެންމެ ދަތިތަކާ ކުރިމަތިވި ދުވަސްވަރު އެވެ.

"ޕްރިޔަންކާ އަކީ މިހާރު ވަރަށް ހިތްވަރު ގަދަ މީހެއް. އެހެންނަމަވެސް ދިރިއުޅުމުގައި އެންމެ ސްޓްރަގަލް ކުރި ދުވަސްވަރު ދެ ތިން ފަހަރެއްގެ މަތިން އޭނާ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރި. އެކަމަކު ކޮންމެ ފަހަރަކުވެސް އަހަންނަށް ފެނިގެން ހުއްޓުވާފަ ހުންނާނީ،" ޕްރަކާޝް ޖާޖޫ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ޕްރަކާޝް އާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، ޕްރިޔަންކާ ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަސީމް މާޝަންޓު އާ ދެމީހުން ދެމެދުގައި ޖެހުނު މައްސަލައެއްގައި ވެސް އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފަ އެވެ.

ހަމައެއާއެކު، ލޯބިވެރިޔާ އަސީމްގެ މަންމަ މަރުވުމުންވެސް އިމާރާތެއްގެ މަތިން ފުންމާލަން ޕްރިޔަންކާ މަސައްކަތް ކުރި ކަމަށްވެސް ޕްރަކާޝް އާ ހަވާލާދީ ހަބަރުތައް ބުނެ އެވެ. 2002 ވަނަ އަހަރު މަރުވި އަސީމްގެ މަންމަ އަކީ ޕްރިޔަންކާ އާ ވަރަށް ގާތް ގުޅުމެެއް އޮންނަ މީހެއް ކަމަށް ހަބަރުތައް ބުނެ އެވެ.

މީގެ ކުރިންވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ އަމިއްލަ އަށް މަރުވެފަ އެވެ. އަދި ބައެއް ތަރިން އަމިއްލަ އަށް މަރުވާން އުޅުމުގެ ތެރެއިން ހުއްޓުވާފައި ވެސް ވެއެވެ.

ދެހާސް އަށް ވަނަ އަހަރު ކަލާސް ޓީވީ އިން ދެއްކި ޑްރާމާ "ބާލިކާ ވަދޫ" ގައި އަނަންދީގެ ރޯލުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބަތަލާވެސް ވަނީ ދާދިފަހުން ދަންޖެހިގެން މަރުވެފަ އެވެ.