މާލޭގެ ބޮޑު ބަޔަކުން ފެން ކެނޑުމަށް މެދުވެރިވި މައްސަލަ ހައްލުކުރެވިފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް މިއަދު ސަން އަށް ވިދާޅުވީ، ފެނުގެ ހިދުމަތް ދިނުމަށް ދިމާވި މައްސަލައަށް ރޭ ދަންވަރު ދާއިމީ ހައްލެއް ލިބިފައިވާ ކަމަށާއި އެއާއެކު ޕްރެޝަރުގައި މިހާރު ފެން ދޫކުރަން ފަށާފައިވާ ކަމަށެވެ.

ފެނުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީ އިން އިއްޔެ ބުނީ، މިދިޔަ ހޮނިހިރު ދުވަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއެކު ބޯހޯލްތަކާއި ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ތިން ވަނަ ބުރިން މަތީ ފުލޯތަކަށް އިއްޔެ ފެން ލިބުމުގައި ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ.

ފެނުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެކުންފުނިން އިއްޔެ މަސައްކަތް ކޮށްފައިވާއިރު ފުރަތަމަ އިއުލާން ކުރީ އިރުއޮއްސެން ވާއިރަށް އެމައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. ނަމަވެސް އެހާތަނަށް އެމައްސަލަ ހައްލު ނުކުރެވުމުގެ ސަބަބުން ދެން ވަގުތީގޮތުން ވަނީ ދެ ގަޑިއިރަށް ފެން ދޫކޮށްފައެވެ.