04 Apr 2016, 00:03
ސިފައިންގެ ތެރޭގައި ކޯޓެއް އޮންނަން ޖެހޭ ކަމަށާއި މިއަހަރުގެ ތެރޭގައި "މިލިޓަރީ ކޯޓެއް" އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިލިޓަރީ ކޯޓަކަށް ބޭނުންވާ ގާނޫނު ހެދުމަށް ބިލުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި މިއަހަރުގެ ތެރޭގައި މިލިޓަރީ ކޯޓުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ފުލުހުންގެ މަސައްކަތަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި ރައްޔިތުންނާ ކުރިމަތިލާން ޖެހޭ ފަހަރާއި ގާނޫނު ދަމައްޓަން މަސައްކަތް ކުރާ ހުރިހާ ފަހަރަކު ރައްޔިތުންގެ ރުހުމެއް ނުލިބޭނެ ކަމަށެވެ. ރައްޔިތުންނަށް ލިބޭ ބައެއް ހައްގުތައް ބައެއް ހާލަތްތަކުގައި ނިގުޅައިގަތުމުގެ ހައްގު ގާނޫނުތަކުން ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
"ފުލުހުންނަކީ ގާނޫނަށް ތަބާވާ ގާނޫނާއެކީ މަސައްކަތް ކުރާ ބައެއް. ފުލުހުންނަކީ ގާނޫނަށް އެކައުންޓަބަލްވާ ބައެއް. ފުލުހުން އުފައްދަނީ ގާނޫނުން. ފުލުހުންނަށް ލިބޭ ބާރުތައް ލިބެނީ ގާނޫނުން. އަދި ހަމައެހެންމެ ފުލުހުން ބޯލަނބާ ކިޔަމަންތެރި ވާން މިޖެހެނީވެސް ގާނޫނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
މުޖުތަމައުގައި އުފެދިގެންދާ ހަމަނުޖެހުމަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އުފެދޭ "ޓެންޝަން" ކަމަށް ރައީސް ޔާމީން މިރޭ ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ފުލުހުން ކޮންމެ ދުވަހަކު ދެމުންދާ ހިދުމަތުގެ ބޮޑުކަން ހިތައް ވެސް ނުގެނެވޭނެ ކަމަށެވެ. އެހާވެސް ފުލުހުން ހިދުމަތްތެރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތަށް ފަސޭހަވެގެންދާނީ ބަސްއަހާ ކިޔަމަންތެރި މުޖުތަމައެއް އޮވެގެން ކަމަށާއި ނަމަވެސް "ބަސްއަހާ ކިޔަމަންތެރި މުޖުތަމައުއެއްގެ ވާހަކަ މިއަދުގެ ހާލަތުގައި ރާއްޖޭގައި ދެއްކުމަކީ ފަސޭހަކަމެއް ނޫން" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ބަސް އެހުމަކީ ގާނޫނާ ހިލާފަށް ކަމެއް ކުރެވިއްޖެ ކަމަށްވަންޏާ އެނާއަށް އަދަބު ލިބޭނެކަން ހިތުގެ އަޑިން ގާބޫލުކުރާ ބަޔަކަށް ވަންޏާ. ބަސްއަހާ ބަޔަކު އުޅޭކަމަށް ވަންޏާ ފުލުހުންގެ މަސައްކަތް ޝައްކެއްވެސް ނެތް ގޮތުގައި ފަސޭހަ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މުޒާހަރާކުރުމަކީ "އެންމެ ރަނގަޅުކަމެއް ހުއްދަ ކަމެއް" ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާޏުގެ ސަރުކާރުގައި ވެސް މުޒާހަރާކުރަން ޖާގަދޭ ކަމަށެވެ. ނަމަވެސް މުޒާހަރާކުރާއިރު ފުލުހުންގެ ސަފުތަކަށް އަރައިގަނެ "ޕިކަޕުފުރާ ޕެޓްރޯލް ހަން ހިފައިގެން ދާން ނުޖެހޭ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެހާ ހިސާބަށް ދިޔައިމަ ފުލުހުންގެ މަސައްކަތް ފަސޭހަ ނުވާނެ ކަމަށެވެ.
ކުށުގެވެށިން ނުކުންނަ ފަރާތްތަކާއި ކޮންމެ މީހާކާ ވާހަކަދެއްކި ނަމަވެސް ރީތި ބަހުން މުއާަލާތުކުރުމަށް ރައީސް ޔާމީން ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެއީ ފުލުހުންގެ "ޕްރޮފެޝަނަލިޒަމް" ދައްކުވައިދޭނެ ކަމެއް ކަމަށެވެ.