ހައްގުތައް ހޯދުމަށް ނޫސްވެރިންތަކެއް އިސްނަގައިގެން މިއަދު ކުރި އިހްތިޖާޖުގައި ހައްޔަރު ކުރި ނޫސްވެރިން މިރޭ ދޫކޮށްލައިފި އެވެ.

މިއަދު މެންދުރު ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިންތަކެއް އިހްތިޖާޖު ކުރަމުންދަނިކޮށް، އެތަނުން ނޫސްވެރިން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި 19 މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ދުވަހު ނޫސް "ހަވީރު" އާއި ރާއްޖެޓީވި އާއި ސަންގުޓީވީ އާއި މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންގެ އިތުރަށް ވީނިއުސްގެ ނޫސްވެރިއަކު ހިމެނެ އެވެ.

އެ މީހުން ދޫކޮށްލީ ހައްޔަރު ކުރިތާ 10 ގަޑިއިރު ފަހުން މިރޭ 10:30ގަ އެވެ. މިއަދުގެ އިހްތިޖާޖުން ހައްޔަރު ކުރި ނޫސްވެރިން ތަހުގީގީ ޖަލު "އަތޮޅު ވެހިން" މިރޭ ދޫކޮށްލިނަމަވެސް މާދަމާ އެ ނޫސްވެރިން ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ. އެގޮތުން މާދަމާ ފުލުހަށް ހާޒިރުވެ، ބަޔާން ދިނުމަށް ވަނީ ޝަރުތުކޮށްފަ އެވެ.

ހައްޔަރު ކުރި "ހަވީރު" ނޫހުގެ ނޫސްވެރިޔާ އައިމިނަތު ޝިފްލީން، ފުލުހުންގެ ތަހުގީގީ ޖަލު "އަތޮޅު ވެހިން" ނުކުމެ، އާއިލާގެ މެމްބަރެއްގެ ގައިގައި ބައްދާލަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިން ހައްޔަރު ކުރީ ފުލުހުންގެ ދައުރަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ޤާނޫނާ ޚިލާފު ޢަމަލުތައް ކުރުމުން ކަމަށެވެ.

ނޫސްވެރިންކަން ކުރުމަށް ރާއްޖޭގައި ގޮންޖެހުންތަކެއް ކުރި ކަމަށް ފާހަގަކޮށް، މިއަދު ކުރި އިހްތިޖާޖުގައި ނޫސްވެރިން ހައްޔަރު ކުރި މައްސަލާގައި ނޫސްވެރިންގެ ބަލަދުވެރި ފަރާތް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

މީޑިއާ ކައުންސިލުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ނޫސްވެރިން ހައްޔަރު ކުރި މުޒާހަރާއަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެފަދަ ބާރު ބޭނުން ކުރަން ފެށުމުން ހަމަނުޖެހުން ހިނގަން މެދުވެރިވީ ކަމަށް މޮންދު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ނޫސްވެރިން ކުރި އިހްތިޖާޖަކީ ސިޔާސީ ބަޔަކު އަޑީގައި ތިބިގެން ކުރި ކަމެއް ނޫން ކަމަށާއި އެއީ ނޫސްވެރިންގެ އިސް ނެގުމަށް ކުރި ކަމެއް ކަމަށެވެ.

ހައްޔަރު ކުރި ނޫސްވެރިން، ފުލުހުންގެ ތަހުގީގީ ޖަލު "އަތޮޅު ވެހިން" ނުކުންނަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޮންދު ވިދާޅުވީ ރައީސް އޮފީސް ހިމެނޭ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދެއް ކަމަށާއި އެފަދަ ތަނަކަށް އެއްވެ، ނޫސްވެރިން އިހްތިޖާޖު ކުރުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެއްވުން މަނާ ސަރަހައްދުތަކަށް އެއްވެ، ނޫސްވެރިން އިހްތިޖާޖު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޔަރު ކުރި ނޫސްވެރިން، ފުލުހުންގެ ތަހުގީގީ ޖަލު "އަތޮޅު ވެހިން" ދޫކޮށްލާތީ، އެ ސަރަހައްދަށް ނޫސްވެރިންނާއި ނޫސްވެރިންގެ އާއިލާތަކުން ޖަމާވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ