02 May 2011, 12:18
ޓޫރިޒަމް ޓެކްހާއި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކުހުގެ މިންވަރު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި އިންކަމްޓެކްސް ނަގަން ފައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ލީޑާޝިޕަށް އަލަށް ހޮވި ވަޑައިގެންނެވި ބޭފުޅުންގެ ޝަރަފްގައި އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ތަކެތީގެ އަގު ހެޔޮ ކުރުމަށް ހަރުދަނާ އިގްތިސާދެއް ބިނާކުރަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ފިޔަވަޅުތަކަކީ އިގްތިސާތީ ސިޔާސަތު ހަރުދަނާ ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ފޮތް ފަންސޫރާއި ކާބޯތަކެތިން ޑިއުޓީ ކަނޑާލާނެ ކަމަށާއި އެހާހިސާބުން ފެށިގެން ތަކެތީގެ އަގު ތިރިވާނެ ކަމަށެވެ.
ޑޮލަރުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ތަކެތީގެ އަގުތައް ބޮޑު ވުމުގެ ސަބަބުން ރައްޔިތުންގެ ބަޔަކު ނުރުހުން ފާޅު ކުރަމުންދާ މައްސަލަ އަށް އަލިއަޅުއްވައި ލައްވައި، ރައީސް ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑު ކުރުމުން ތަކެތީގެ އަގު މާ ބޮޑުތަން އުފުލިގެން ނުދާ ކަމަށެވެ.
"މިއަދު ތިޔަ ބޭފުޅުންނަށް ތިޔަ އެނގެނީ ސީދާ ބާޒާރުގައި ހުރި ތަކެތީގެ އަގު. އަގު ބޮޑުވީކީއެއް ނޫން ތިޔަ ބޭފުޅުންނަށް ތަކެތީގެ އަގު އެނގުނީ. އޭގެ ކުރީގައި ޖަހާފައި ހުރީ ދޮގެއް. އެއީ އަގެއްނޫން. އެއީ އަގެއްކަމަށް ވެރިން ދައްކަމުން އައި މަންޒަރެއް. އެންމެ ބޮޑަށް އަގު ބޮޑުވީމާ ކިރުދަޅެއްގެ އަގު ބޮޑުވީ ހަތަރު ރުފިޔާ އިން. ދުވާލަކަށް ކިތައް ރުފިޔާ އަގުބޮޑުވެގެންތޯ އަޅުގަނޑުމެން މި އުޅެނީ. އަޅުގަނޑަށް އެނގޭ ތަކެތީގެ އަގު. އަޅުގަނޑު ވަންނަން ފިހާރަތަކަށް އަޅުގަނޑަށް އެނގޭ ކާއްޓެއްގެ އަގު ހުރީ ފިއްލަދޫގައި ފަސް ރުފިޔާ އަށް ކަން. މާލޭގައި 10 ރުފިޔާ އަށް ކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގިނަ މަސައްކަތްތެރިންނަކީ މަސްވެރިން ކަމަށެވެ. އަދި ޑޮލަރުގެ އަގުދަށްވާ ނަމަ އެންމެ ބޮޑު ބޭއިންސާފެއް ލިބެނީ މަސްވެރިންނަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ ގިނަ މީހުންގެ އާމްދަނީ މައްޗަށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޑޮލަރުގެ އަގު މައްޗަށްދިއުމުން ރާއްޖޭގައި މަސައްކަތްކުރާ ގިނަ މީހުންގެ އާމްދަނީ މައްޗަށް ވަނީ ގޮސްފައި. އަޅުގަނޑު ދަންނަވާނީ މިއަށް ވުރެ ވަކިން ތިޔާގި ދުވަސްވަރެއް ދިވެހި ރާއްޖެ ދެކެފައެއް ނުވާނެ އޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ފިޔާރައެއްގެ ދޮރުކައިރީގައި ފުލުހަކު ބަހައްޓައިގެން ތަކެތީގެ އަގު ހެޔޮ ނުކުރެވޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ޑރ. އިބްރާހިމް ދީދީ އާއި ނާއިބު ރައީސް ކަމަށް ހޮވިވަޑައިގެންނެވި އަލްހާން ފަހުމީ އަށް މަރުހަބާ ދަންނަވައި ދެއްކެވި ވާހަކާގައި ރައީސް ނަޝީދު ވިދާޅުވީ، އެންޑީޕީގައި މިހާރު އޮތް ލީޑާޝިޕާ އެކު އަންނަ 2013ގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމީޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގަންނަވާ ކަމަށެވެ.
މި ޖަލްސާގައި ޕާޓީގެ އާ ލީޑާޝިޕަށް ހޮވިވަޑައިގެންނެވި ޑރ. ޑީޑީ އާއި އަލްހާން ފަހުމީ ވާހަކަ ދެއްކެވި އެވެ. އެބޭފުޅުންގެ ވާހަކާގައި، އެ ބޭފުޅުންނާ ވާދަ ކުރައްވައި ނާކާމިޔާބު ލިބިވަޑައިގެންނެވި، އިބްރާހިމް ހުސެއިން ޒަކީ އަށާއި މުހައްމަދު އަސްލަމް ޕާޓީ އަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާ ކުރެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ޕަޓީ ހިންގެވުމުގައި އެ ދެ ބޭފުޅުންގެ ބޭނުން ހިއްޕަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެން ޖަލްސާތަކާ ހިލާފަށް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ރައީސް ނަޝީދާ މުހާތަބު ކުރައްވާފައި ވަނީ ޕާޓީގެ އެންމެ އިސް ސިޔާސީ ލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަމުންނެވެ.