ކުދި މައްސަލަތަކުގައި ފުލުހުންގެ ހައްޔަރަށް ގެންދާ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ ބާރު ފުލުހުންނަށް އަންނަ އަހަރު ދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި މީގެ 40 ހަކަށް އަހަރު ކުރިން ފުލުހުން ހިދުމަތް ދީ އުޅުނީ ވަރަށް އަވަހަށް ކަމަށެވެ. މިއަދު ވެސް އަވަހަށް ހިދުމަތް ދެވޭ ކަމަށާއި ނަމަވެސް ކުށެއްގައި ތުހުމަތު ކުރާ މީހާގެ މައްޗަށް ހުކުމެއް ކުރާ މަރުހަލާއާ ހަމައަށް ދިއުމަށް ވަގުތަކެއް ނަގާ ކަމަށެވެ.

"މީގެ 40 ހަކަށް އަހަރު ކުރިއަށް ބަލާއިރުގައި މީހަކު ކުޑަ ކުށެއް ކޮށްފި ކަމަށްވަންޏާ ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި އެ މީހަކަށް އިއްވާ ހުކުމެއް އެ މީހަކަށް އިއްވާނެ ދައުލަތުން. އަދި އިއްވަނީ ވެސް ހަމަ ކޯޓަކުން. އެކަމަކު މިހާރު އަޅުގަނޑުމެން ބަލާއިރު ބައެއް ހުކުމްތައް ވަރަށް ދިގުލައިގެން ދޭ. އެހެންވީމަ އަޅުގަނޑުމެން ކުރިއަށް އޮތް އަހަރު އަދުލު އިންސާފުގެ ނިޒާމު ބާރު ސްޕީޑުގައި އަވަހަށް އިންސާފު ހޯދައި ދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނަން،" އުމަރު ވިދާޅުވި އެވެ.

މައްސަލަތައް އަވަސް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުދި ކުށްތަކުގައި ފުލުހުންގެ އޮފީހަށް ހާޒިރު ކުރެވޭ މީހުންނަށް ފުލުހުންގެ ސަމާލުކަމަށް އަންނަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް އެ މީހުންނަށް ދައުވާ ކުރުމުގެ ބާރު ފުލުހުންނަށް ދިނުން ކަމަށެވެ. އެކަން ކުރާނީ ޕީޖީ އާއި އޭޖީގެ މަޝްވަރާގެ މަތިން ކަމަށް އުމަރު ވިދާޅުވި އެވެ.

ދައުވާ ކުރުމުގެ ބާރު ފުލުހުންނަށް ހޯދައި ދިނުމަށް ގާނޫނަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަވެސް އެކަންވެސް ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެއީ ކުރީގައި އޮތް އުސޫލަށް އަނބުރާ ދިއުން ކަމަށާއި އިނގިރޭސިވިލާތުގައިވެސް އެކަން އޮންނަނީ ހަމައެހެން ކަމަށް އުމަރު ވިދާޅުވި އެވެ.

"އިނގިރޭސި ވިލާތުގައިވެސް އޮންނަނީ ކުދި ކުއްތަކާއި މެދުފަންތީގެ ކުއްތައް ފުލުހުން ޕްރޮސެކިއުޓް ކުރާގޮތަށް ހަމަޖައްސާފައި. އޭގެ ބޭނުމަކީ އަވަހަށް މައްސަލަ ނިންމުމައްޓަކައި. އެހެންވީމަ ދިވެހިރާއްޖޭގައިވެސް މިދަނީ ހަމަ އެމަގަށް" އުމަރު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް ޓެކްނޮލިޖީއަށް މަރުހަބާކިއުމަށްޓަކައި "ފޮޓޯ އެންފޯސްމެން ނިޒާމެއް" ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އޭގެ ބޭނުމަކީ ފުލުހުން މަގުމަތީގައި ތިބެގެން ނުގަވައިދުން ދުއްވާ މީހާ ނުވަތަ ނުބައިކޮށް ޕާކުކުރާ މީހާއަށް ހަރުކުރެވޭ ހާއްސަ ކެމެރާ ތަކަކުން އޭގެ ފޮޓޯ ނަގައިގެން އެފޮޓޯ ޑާޓާބޭސްއަކަށް ފޮނުވައިގެން އެވެހިކަލްގެ ވެރި ފަރާތް ދެނެގަތުން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދަޅުވީ އޭރުން އެސްއެމްއެސް އަކުން ޖޫރިމަނާ ފޮނުވައި އެސްއެމްއެސްގައި ވާ ލިންކަކުން ސްލިޕް ލިބި އޮންލައިންކޮށްވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

އެކަން ކުރެއްވިއްޖެ ނަމަ ޓްރެފިކްގެ މައްސަލަތައް ނެރޭ ފުލުހުން ނުނެރި މަދު އަދަދެއްގެ ޓްރެފިކް ފުލުހުން ބޭނުންކޮށްގެން ފައިދާހުރިގޮަތަކަށް ބޭނުންކުރެވޭނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ފުލުހުންނަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ވަނީ ހަނދާނީ އައްޑަނަ އަދި ހަނދާނީ ލިޔުން ދެއްވާފަ އެވެ.