ހައްގުތައް ހޯދުމަށް ނޫސްވެރިންތަކެއް އިސްނަގައިގެން މިއަދު ކުރި އިހްތިޖާޖު ރޫޅާލުމަށް ބޭނުންކޮށްފައި ވަނީ ހާލަތާ އެކަށޭނަ އެންމެ ކުޑަ މިންވަރުގެ ބާރު ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިން ކުރި އިހްތިޖާޖަށް ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)އިން ތުހުމަތުކޮށްފައި ވަނިކޮށް، ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިން ޚިޔާލު ފާޅުކުރުމަށް ފުލުހުން ފުރުޞަތު ދީފައިވާނެ ކަމަށެވެ. އެ ފުރުސަތު ދީފައި ވަނިކޮށް، އެއްވުމުގެ ބައިވެރިން ބެރިކޭޑް ހުރަސްކޮށް، ރައީސް އޮފީސް ކުރިމަތީ އެއްވެގެން ތިބެ އިޙްތިޖާޖު ކުރި ކަމަށެވެ.

"....ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަޙައްދަކީ ޤާނޫނީ ގޮތުން އެއްވުން މަނާ ސަރަޙައްދެއްކަން އެނގި ތިބެ އެ ސަރަޙައްދަށް ގޮސް މިއަދުގެ އެއްވުމުގެ ބައިވެރިން ވަނީ ރައީސް އޮފީސް ކުރިމަތީ އެއްވެގެން ތިބެ އިޙްތިޖާޖް ކޮށްފަ އެވެ. އަދި އެ ސަރަޙައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެ ސަރަޙައްދުން ނުގޮސް އެއްވުމުގެ ބައެއް ބައިވެރިން ވަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅާފަ އެވެ،" ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައިވެ އެވެ.

އޭޕްރިލް 3، 2016: ޕެޕާ ސްޕްރޭގެ އަސަރު ކުރި ބައެއް ނޫސްވެރިން ފަރުވާ ހޯދަނީ--- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ނޫސްވެރިން ކުރި އިހްތިޖާޖުގައި ބައެއް ނޫސްވެރިން ހައްޔަރު ކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ބެރިކޭޑްތައް ހުރަސްކޮށް، ޤާނޫނީ ގޮތުން އެއްވުން މަނާ ސަރަޙައްދަކަށް އެއްވެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ޤާނޫނާ ޚިލާފު ޢަމަލުތައް ކުރުމުން ކަމަށެވެ. ނޫސްވެރިންގެ ފަރާތުން މިއަދު ފެނިގެންދިޔަ ކަންތައްތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތަކުން ބޭރުން އަދި ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމްގެ ބޭރުން ގެންދިޔަ ޙަރަކާތެއް ކަމަށް ފުލުހުން ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.

"...މިއަދުގެ އެއްވުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަން ފެށުމުން އެއްވުމުގައި ބައިވެރިވި ބައެއް މީހުން ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކޮށްފައެވެ. އަދި އެއްވުމުގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް އެ ސަރަހައްދުން ގޮސްފައިނުވާތީ ފުލުހުން ވަނީ ހާލަތާ އެކަށޭނަ އެންމެ ކުޑަ މިންވަރުގެ ބާރުގެ ބޭނުންކޮށް އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލާފައެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

މިއަދުގެ އެއްވުމުގައި 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތް އަންހެނުންނާއި 12 ފިރިހެނަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ނޫސްވެރިން މިއަދު ކުރި އިހްތިޖާޖުގައި ހިނގައިދިޔަ ކަންތައްތަކަކީ ނޫސްވެރިކަމުގެ ކަންކަން ބަލަހައްޓަން ޤާނޫނީ ގޮތުން ޙަވާލުކޮށްފައިވާ މުއައްސަސާތަކުން ޒިންމާދާރު ގޮތެއްގައި މަސައްކަތް ކޮށްފިނަމަ ހުއްޓުވޭނެ ކަންކަން ކަމުގައި ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިފަދަ ޙާދިސާތައް ކުރިމަގުގައި ތަކުރާރު ވިޔަ ނުދިނުމަށް މީޑިއާގެ ޒިންމާދާރު ފަރާތްތަކުންނާއި މީޑިއާތަކުން މަސައްކަތްކޮށްދެއްވައި މުޒާހިރާ ކުރުމާއި އިޙްތިޖާޖް ކުރުމުގެ ބަދަލުގައި މަޝްވަރާ ކޮށްގެން ކަންކަމަށް ޙައްލު ހޯދުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަން ދެއްވުމަށް މިފުރުޞަތުގައިވެސް އިލްތިމާސް ކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

އޭޕްރިލް 3، 2016: ނޫސްވެރިކަމަށް ގޮންޖެހުންތަކެއް ކުރިމަތިވާތީ، ހައްގުތައް ހޯދުމަށް ނޫސްވެރިން ކުރި މުޒާހަރާގައި ނޫސްވެރިއަކު ފުލުހުން ހައްޔަރު ކުރަނީ--- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ޒުވާން ނޫސްވެރިންތަކެއް އިސްނަގައިގެން މިއަދު އިހްތިޖާޖުކޮށްފައި ވަނީ ނޫސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅިގެންނެވެ. ނޫސްވެރިން މިއަދު ކުރި އިހްތިޖާޖުގައި ބޮޑަށް އަޑުއުފުލާފައި ވަނީ "ހަވީރު" ނޫސް ހުއްޓިފައި އޮތް މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގަ އެވެ. އަދި ނޫސްވެރިކަން ކުރެވޭނެ ފަހި މާހައުލެއްގައި ރާއްޖޭގައި ތަނަވަސްވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ނޫސްވެރިން މިއަދު ވަނީ ފާޅުކޮށްފަ އެވެ. އަދި އެހެންމެ ފޭލުވެފައި ތިބި މީހުންނާއި ސިޔާސީ އަދި ޕާޓީތަކުގެ އެކްޓިވިސްޓުން ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރާ މައްސަލަ ވެސް ނޫސްވެރިން ފާހަގަ ކުރި އެވެ.