03 Apr 2016, 20:34
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުންގެ ތެރެއިން، ދައުރު ހަމަވާ ހަ މެމްބަރުންގެ މަގާމަށް މެމްބަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބްރޯޑްކޮމްއަށް މެމްބަރުން އައްޔަން ކުރުމަށް އެޖެންޑާކޮށްފައިވާއިރު، ބްރޯޑްކޮމްގައި މިހާރު ތިއްބެވި ހަ މެމްބަރުންގެ ދައުރު މާދަމާއަށް ހަމަވާނެ އެވެ.
ބްރޯޑްކޮމްއަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ނަން ދިރާސާ ކުރި، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓަށް މާދަމާ ބަހުސްކޮށް ނިންމާލައިފިނަމަ، މެމްބަރުން އައްޔަން ކުރުމަށް ވޯޓަށް އަހާނީ މަދަމާ މެންދުރުފަހު 1:30ގަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހުރިއްޔާ ވަނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހަ ބޭފުޅުންގެ ނަންފުޅު ތަރުތީބު ކުރައްވައި، މިދިޔަ އާދީއްތަ ދުވަހު މަޖިލީހަށް ފޮނުއްވާފަ އެވެ. އަދި މެމްބަރު ކަމަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންފުޅު ވެސް މަޖިލީހަށް ފޮނުއްވެވި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ މެމްބަރުންނާ އިންޓަވިއު ކުރެއްވުމަށްފަހު ދެއްވި މާކްސްތަކުން، ރައީސް ހުށަހެޅުއްވި ނަންތަކުގެ ތަރުތީބު ވަނީ ބަދަލުވެފަ އެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިސްކަންދެއްވި ފުރަތަމަ ނަންފުޅު، އަދި މިހާރު ވެސް އެ ކޮމިޝަންގެ ރައީސްކަން ކުރައްވާ މުހައްމަދު ޝަހީބާ އިންޓަވިއު ކުރެއްވުމުން، އޭނާއަށް ލިބިވަޑައިގެންނެވި މާކްސްއިން ޝަހީބުގެ ނަން ވަނީ ދެ ވަނާގަ އެވެ. އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު، ގ. ހިލްމަން މަރިޔަމް ވަހީދާއަށެވެ.
މާކްސް ލިބިވަޑައިގެންނެވިގޮތުގެ ތަރުތީބު
- މަރިޔަމް ވަހީދާ، ގ. ހިލްމަން - 81.3 ޕަސެންޓް މާކްސް.
- މުޙައްމަދު ޝަހީބު، ހ. ރީތިގަސްދޮށުގެ - 80.2 ޕަސެންޓް މާކްސް.
- ޒީނާ ޒާހިރު، ގދ. ގައްދޫ، އަތީރީގެ - 79.3 ޕަސެންޓް މާކްސް.
- އާމިނަތު ސަހާރަތު ޢިއްޒަތު، ގ. ގޮފި - 77.3 ޕަސެންޓް މާކްސް.
- ފާޠިމަތު ޒައިނާ، ކ. ދިއްފުށި، ހުވަނދުމާގެ - 76.8 ޕަސެންޓް މާކްސް.
- އިސްމާއީލް ޞަފްވާން، ޅ. ހިންނަވަރު ފަހަލަ - 68.8 ޕަސެންޓް މާކްސް.
މާދަމާގެ ޖަލްސާގައި ޕްރޮސެކިއުޓާ ޖަނަރަލްގެ އޮފީހަށް ދެ ޑެޕިއުޓީ ޕީޖީން އައްޔަން ކުރުމަށް ހުށަހަޅާފައިވާ ބިލު ކޮމެޓީން ފާސްކޮށްފައިވާތީ، އެ ބިލާމެދު ވެސް ގޮތެއް ނިންމާނެ އެވެ. އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ސުވާލު ކުރެއްވުމަށް ވެސް އެޖެންޑާކޮށްފައިވެ އެވެ.