މާލޭގެ ބޮޑު ބަޔަކުން ފެންކެނޑުމަށް ދިމާވި މައްސަލަ އަދިވެސް އެއްކޮށް ހައްލު ނުވާ ކަމަށާއި ނަމަވެސް މިރޭ ދެ ގަޑިއިރަށް ފެން (ނުވައަކުން 11 އަށް) ފެން ދޫކުރާނެ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް "ސަން"އަށް ވިދާޅުވީ ފެނަށް ދިމާވެފައިވާ މައްސަލަ މިރޭ ހައްލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އާންމުނަށް ދިމާވެދާނެ ދަތިތަކަކަށްޓަކައި މިރޭ ދެ ގަޑިއިރަށް ޕްރެޝަރުގައި ފެން ދޫކުރުމަށް ނިންމާފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަމުން ދަނީ ފެނުގެ މައްސަލަ އެއްކޮށް ހައްލުކޮށް މިރޭ ނިންމާލެވޭތޯ. ނަމަވެސް އާންމު ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން މިރޭ ދެގަޑިއިރަށް ފެން ދޫކުރުމަށް ވަނީ ނިންމާފައި" ފަޒުލް ވިދާޅުވި އެވެ.

ފެނުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީ އިން މިއަދު ބުނީ، އިއްޔެ ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއެކު ބޯހޯލްތަކާއި ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެހެންކަމުން ތިން ވަނަ ބުރިން މަތީ ފްލޯތަކަށް ފެން ނުލިބުން އެކަށީގެންވާ ކަމަށެވެ.

ފެން ލިބުމުގައި ދަތިތަކާ ކުރިމާތިވާތީ މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. އަދި ފިހާރަތަކުން ފުޅީގައި ބަންދުކުރި ފެނަށް ޑިމާންޑު ބޮޑުވެ މާލެ އާއި ހުޅުމާލެއިން ވެސް ދަނީ ފެން މާލެއަށް ގެންނަމުންނެވެ.