ރާއްޖޭގައި ނޫސްވެރިންނަށް ނޫސްވެރިކަން ކުރުމުގެ ފުރިހަމަ މިނިވަންކަން "އިންތިހާއަށް ފޯރުކޮށްދޭން" ބޭނުންވާ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނޫސްވެރިންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީއިން ލިބިދޭ ބާރު ހޯދުމަށް ފަހަތަށް ނުޖެހި މަސައްކަތް ކުރަން ޖެހޭ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

"މިއަދު ނޫސްވެރިން އިހުތިޖާޖަށް މި ނުކުތީ. މާދަމާ ނުކުންނާނީ އަނެއް މުއައްސަސާއަކުން. އަނެއް ދުވަހު ނުކުންނާނީ އަނެއް މުއައްސަސާއަކުން. މިހެން މިކަންކަން މިވާން ޖެހެނީ ދައުލަތުން ސީދާ ރޭވިގެން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި. ނޫސްވެރިކަމާއި އަދި އެހެން ހުރިހާ ހައްގުތަކެއް ނެތިކޮށްލާތީ،" ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ނޫސްވެރިންނަށް ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އަޑުއެހުމަށް އެއްވެސް ފުރުސަތެއް ސަރުކާރުން ނުދޭ ކަމަށެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ އިހްތިޖާޖުން 10 ނޫސްވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.

ޒުވާން ނޫސްވެރިންތަކެއް އިސްނަގައިގެން މިއަދު އިހްތިޖާޖުކޮށްފައި ވަނީ ނޫސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅިގެންނެވެ. ނޫސްވެރިން މިއަދު ކުރި އިހްތިޖާޖުގައި ބޮޑަށް އަޑުއުފުލާފައި ވަނީ "ހަވީރު" ނޫސް ހުއްޓިފައި އޮތް މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގަ އެވެ. އަދި ފަހި މާހައުލެއްގައި ރާއްޖޭގައި ނޫސްވެރިކަން ކުރެވޭނެ މަގު ތަނަވަސްވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ނޫސްވެރިން މިއަދު ވަނީ ފާޅުކޮށްފަ އެވެ.