03 Apr 2016, 18:23
ނޫސްވެރިން މިއަދު ކުރިއަށް ގެންދިޔަ އިހްތިޖާޖަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރި ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ތުހުމަތުކޮށްފި އެވެ.
މީޑިއާ ކައުންސިލްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ނޫސްވެރިން މިއަދު އިހްތިޖާޖު ކުރީ އެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށާއި ހަމައެކަނި މައްސަލައަކީ އެއްވުން މަނާ ސަރަހައްދެއްގައި އިހުތިޖާޖު ކުރުން ކަމަށެވެ. އަދި އެއްވުން މަނާ ސަރަހައްދެއްގައި ތިބެގެން އެފަދަ އަޑުއުފުލުމެއް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށާއި އެފަދަ ކަންތައްތައް ނޫސްވެރިން ނުކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
"އެއްވުން ރޫޅާލުމަށް ނޫނީ ދުރަށްޖެއްސުމަށް ފުލުހުން ހާލަތާ ނުގުޅޭ ނޫނީ ނުބައްދަލު ބާރެއް ބޭނުންކޮށްފައިވާކަން. ހާލަތާ ނުބައްދަލު ބާރެކޭ މިދެންނެވީ އެތަނަށް އެއްވެތިބި މަދު މީސްކޮޅާ ނުބައްދަލު ބާރެއް ބޭނުންކުރީމަ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެ ހާލަތަށް ދާންޖެހުނީ،"މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު)
މޮންދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފަށް ގުޅުއްވުމުން ވިދާޅުވެފައި ވަނީ ނޫސްވެރިން އިހްތިޖާޖު ކުރީ އެއްވުން މަނާ ސަރަހައްދެއްގައި ކަމުގައިވާތީ ހައްޔަރުކުރި ނޫސްވެރިން ކޯޓަށް ހާޒިރުކުރުން ފިޔަވައި އިތުރު ކަމެއް ކޮށްދެވެން ނެތް ކަމުގައި ކަމަށެވެ.

މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް (މޮންދު): ގްރީން ޒޯންގައި ނޫސްވެރިން މުޒާހަރާކޮށްފައިވާތީ، އެކަން ކުށްވެރި ކުރެއްވި-- ފައިލް ފޮޓޯ
އޭނާ ވިދާޅުވީ ނޫސްވެރިން މިއަދު އިހްތިޖާޖު ކުރީ ސިޔާސީ ބައެއްގެ އެންގުމަކަށް ނޫން ކަމަށާއި އެއީ ނޫސްވެރިންގެ އަމިއްލަ އިސްނެގުމަކަށް ކުރި ކަމެއް ކަމަށެވެ. އަދި އެތަނުގައި އެހެންބަޔަކު ތިބިނަމަ އެބަޔަކު އެތަނަށް ދިޔައީ ނޫސްވެރިން ބުނެގެން ނޫން ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.
މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ އިހްތިޖާޖުން 10 ނޫސްވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.
ޒުވާން ނޫސްވެރިންތަކެއް އިސްނަގައިގެން މިއަދު އިހްތިޖާޖުކޮށްފައި ވަނީ ނޫސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅިގެންނެވެ. ނޫސްވެރިން މިއަދު ކުރި އިހްތިޖާޖުގައި ބޮޑަށް އަޑުއުފުލާފައި ވަނީ "ހަވީރު" ނޫސް ހުއްޓިފައި އޮތް މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގަ އެވެ. އަދި ފަހި މާހައުލެއްގައި ރާއްޖޭގައި ނޫސްވެރިކަން ކުރެވޭނެ މަގު ތަނަވަސްވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ނޫސްވެރިން މިއަދު ވަނީ ފާޅުކޮށްފަ އެވެ.