ރަށްތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ލ. އަތޮޅު ކައުންސިލުގެ ފަރާތުން އެ އަތޮޅުގެ ހުރިހާ ރަށަކަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ލ. އަތޮޅު ކައުންސިލުގެ ރައީސް ޔޫސުފް އާމިރު "ސަން"އަށް ވިދާޅުވީ، އެ އަތޮޅުގެ 11 ރަށަށް ހަދިޔާ ކުރި ފައިސާ ހަރަދުކުރެވޭނީ އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން ކައުންސިލުން ކަނޑައަޅާފައިވާ ކަންތައްތަކަށް ކުރުމަށް ކަމަށެވެ.

އެގޮތުން ރަށު ކައުންސިލްތަކާއެކު އަތޮޅު ކައުންސިލުން މިއަދު ވަނީ އެމްއޯޔޫތަކުގައި ސޮއި ކޮށްފައެވެ.

"ފައިސާ ރަށްރަށަށް ދީފައިވަނީ ރަށެއްގެ އާބާދީއެއް ބަލާފައެއް ނޫން. ކޮންމެ ރަށަކަށް ވެސް ހަމަހަމަކޮށް. ހަދިޔާކުރި ފައިސާއަކުން އުމްރާނީ ކަންތައްތަކަކަށް ހަރަދެއް ނުކުރެވޭނެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ލުއި ލޯނު ދޫކޮށްގެން އެ ޖެނަރޭޓްކޮށްގެން އެ ފައިސާ އިތުރު ކުރެވިދާނެ،" އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ، އެ ފައިސާއަކީ އަތޮޅު ކައުންސިލުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން އެއްވެފައިވާ ފައިސާ ކަމަށެވެ.

ލ. އަތޮޅު ކައުންސިލުގެ ފަރާތުން މީގެ ކުރިން އެ އަތޮޅުގެ ސްކޫލްތަކަށާއި ކްލަބްތަކަށް ވެސް ވަނީ ފައިސާގެ އެހީ ދީފަ އެވެ. ނަމަވެސް މިއީ އަތޮޅުގެ ރަށްތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރަށު ކައުންސިލްތަކަށް ފައިސާ ދިން ފުރަތަމަ ފަހަރެވެ.

އާމިރު ވިދާޅުވީ، ރަށްރަށަށް ހަދިޔާ ކުރި ފައިސާ ހަރަދުކުރާ ގޮތް ކޮންމެ ހަ މަހަކުން އެވަލުއޭޓް ކުރަމުންގެންދާނެ ކަމަށެވެ.