02 May 2011, 10:35
ވޮޝިންގޓަން : އުސާމާ ބިންލާދިން އަވަހާރަ ކޮށްލެވުނު ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިޢްލާން ކުރެއްވުމަކީ އަފްޣާނިސްތާނުން އެމެރިކާ ފޭބުމުގެ ސްޓްރެޓެޖީ އެއްކަމަށް ވުމީ އެކަށީގެންވާ ކަމެއްކަމަށް ބައެއް މުޙައްލިލުން ވިދާޅުވެއްޖެވެ.
ޓެރަރިޒަމާ ދެކޮޅު ނަމުގައި އެމެރިކާ ފެށި ހަނގުރާމައިގެ ކަންތައްތައް ދިރާސާ ކުރައްވާ މުޙައްލިލެއް ކަމަށްވާ އިފްތީމް ޤުރައިތިމް ވިދާޅުވިގޮތުގައި އުސާމާ ބިންލާދިންއާއި އަލްޤާޢިދާއާ ގުޅުވައިގެން އެމެރިކާގެ ސިޔާސަތު ބައްޓަންކުރާގޮތުން އުސާމާއަކީ ޙަޤީޤަތުގައި މިހާރު ދުނިޔޭގައި ހުންނެވި ބޭފުޅަކަށްވުރެ ބޮޑަށް އެއީ އެމެރިކާގެ ބައެއް ސިޔާސަތުތައް ތަންފީޒުކުރުމާއި ނުކުރުމާ އަދި އިސްލާމީ ދުނިޔެއާބެހޭ ސްޓްރެޓެޖީތައް އެކަށައެޅުމުގައި އުސްތޫރާ އެއްގެ ގޮތުގައި ބޭނުންކުރާ އެއްޗަކަށް ވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ.
އަނެއްކޮޅުން އުސާމާ މިހާތަނަށް ހުންނެވީ އެމެރިކާއަށް އެނގިގެން ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ބެލުމުގެ ދަށުގައި ކަމަށްވެފައި އެމެރިކާ އަފްޣާނިސްތާނުން ފައިބަންޖެހުމުން އޭނާ އަވަހާރަ ކޮށްލީ ކަމަށްވުމީވެސް އެކަށީގެންވާ ކަމެއްކަމަށް އިފްތީމް ވިދާޅުވިއެވެ.
މިގޮތުން ބިންލާދިން އަވަހާރަކޮށްލިކަން އިޢްލާންކުރުމަކީ އަފްޣާނިސްތާނުން ފޭބުމަށް އެމެރިކާ މިހާރު ތަންފީޒުކުރަމުން ގެންދާ ސްޓްރެޓެޖީގެ ބައެއް ކަމަށް ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ބިންލާދިން އަވަހާރަކޮށްލިކަން އިޢްލާން ނުކޮށް އަފްޣާނިސްތާނުން ފޭބުމަކީ އެމެރިކާއަށް ފަސޭހަކަމަކަށް ނުވާނެކަމަށާއި އެމެރިކާގެ ރައްޔިތުންނަށް ކޮންމެވެސް ނަތީޖާއެއް ދެއްކުމަކީ މިކަމުގެ އެއް މަޤްސަދްކަމަށް ބެލެވޭ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަދި ފާއިތުވި އަށެއްކަ އަހަރު ތެރޭގައި އުސާމާ އަތުނުލެވޭ ކަމަށް ހެދިގެން އެމެރިކާ އުޅޭ އުޅުމަކީ އަފްޣާނިސްތާނުގައި ދެމިއޮތުމަށް ބޭނުންވެގެން އެމެރިކާ ކުރި ކަމެއްކަމަށް ބެލެވޭނެ ޖާގައެބައޮތް ކަމަށްވެސް މިފަރާތްތަކުން ބުނެއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ ބިންލާދިން އަވަހާރަކޮށްލާނެކަމަށް ނޫނީ ދިރިހުއްޓާ އޭނާ ހައްޔަރު ކުރާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭންގައި ވަޢްދުވެ ވަޑައިގެންފައެވެ.
އުސާމާގެ ނަމުގައި ނެރޭ ވީޑިޔޯތަކާއި އޯޑިޔޯތަކުގެ ފަހަތުގައި އެމެރިކާ ވާކަމަށާއި މިކަން ކުރަނީ އެމެރިކާގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ހަތިޔާރެއްގެ ގޮތުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދާދިދެންމެއަކުވަނީ އުސާމާ ބިންލާދިން އަވަހާރަކޮށްލެވުނު ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އުސާމާ އަވަހާރަކޮށްލީ ޕާކިސްތާނުގެ އެހީތެރިކަމާއެކު އެމެރިކާގެ ޚާއްސަ ބާރަކުން އިސްލާމް އާބާދުގެ ކައިރީގައި ހިންގި ވަރަށް ބޮޑު ޢަސްކަރީ އޮޕަރޭޝަނެއްގައި ކަމަށާއި މިކަޑައްތު ކުރެވުނީ އިންސާފު ޤާއިމް ކުރުމުގެ ވަރަށް ބޮޑު މަރްޙަލާއެއް ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ. އުސާމާ އަވަހާރަ ކޮށްލިކަން އޮބާމާ އިޢްލާން ކުރެއްވުމަށްފަހު އަލްޤާއިދާއިންވެސްވަނީ އުސާމާ އަވަހާރަކޮށްލައިފި ކަމަށްބުނެ ބަޔާނެއް ޝާޢިޢުކޮށްފައެވެ.
އުސާމާ އަވަހާރަކޮށްލެވުނު ކަމަށްބުނާ ވާހަކަ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ މަސްއޫލުވެރިއަކުވެސްވަނީ ކަށަވަރުކޮށްދީފައެވެ. އުސާމާ އަވަހާރަ ކޮށްލެވުނު ކަމުގެ ޚަބަރަކީ އަފްޣާން ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ކުރެވުނު ކަމުގެ އިޙްސާސް އެމެރިކާގެ ރައްޔިތުން ކުރާނެ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.
ސެޕްޓެމްބަރު އެގާރައިގެ ޙަމަލާތަުގެ ފަހަތުގައި ވާކަމަށް އެމެރިކާ ތުހުމަތު ކުރާ ފަރާތަކީ އުސާމާއާއި އޭނާގެ އަލްޤާއިދާ ޖަމާއަތެވެ. (ނޫސްއެޖެންސީތައް)