ކ. ދިގުފިނޮޅުގައި ހިންގާ 'އަނަންތަރާ ދިގު ރިސޯޓް އެންޑް ސްޕާ' އިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) އަށް 3،888 އެމެރިކާ ޑޮލަރު (59952 ރުފިޔާ) ހަދިޔާކޮށްފި އެވެ.

އެ ރިސޯޓުން އޯޓިޒަމް އެސޯސިއޭޝަނަށް އެހީގެ ޗެކް ހަވާލުކޮށްފައި ވަނީ ބައިނަލް އަގުވާމީ އޯޓިޒަމް ދުވަހާ ގުޅިގެން، އިއްޔެ ހަވީރު ބޭއްވި "ވޯކް ފޯރ އޯޓިޒަމް" ގެ ތެރެއިންނެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ފައިސާއާ ހަވާލުވެލެއްވީ އެ އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން އެވެ.

އަނަންތަރާގެ ހިއުމަން ރިސޯސް މެނޭޖަރު މިއަދު ސަން އަށް ވިދާޅުވީ އެ އެހީ އަކީ މުޖުތަމައުގައި ދިރިއުޅޭ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް އެ ރިސޯޓުން ގެންގުޅޭ ޕޮލިސީގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

އެއީ ރިސޯޓުގެ މުވައްޒަފުންނާ މެނޭޖްމަންޓު ގުޅިގެން އޯތިޒަމް އެސޯސިއޭޝަން އަށް ދިން އެހީތެރިކަމެކެވެ.

އެ ރިސޯޓުން ވަނީ މިދިޔަ އަހަރުވެސް އޯޓިޒަމް އެސޯސިއޭޝަނަށް 2,589 އެމެރިކާ ޑޮލަރު ހަދިޔާކޮށްފަ އެވެ.

އަންނަތަރާ އިން ބުނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ކުޑަކުދިންގެ ހިޔާއާ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މީހުންގެ މަރުކަޒަށް އެހީވުމުގެ ޕްރޮގްރާމެއް ރޭވިފައިވާ ކަމަށެވެ.