03 Apr 2016, 15:57
ސްޕެނިޝް ލަލީގާގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު "އެލް ކްލެސިކޯ" މެޗުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިންމަރަށް ކުޅުމަށްކޯޗު ޒައިނުއްދީން ޒިދާން އެންގި ކަމަށް އެޓީމުގެ ޑިފެންޑަރު ޑެނިއެލް ކާވޭހަލް ބުނެފި އެވެ.
ސާޖިއޯ ރާމޯސްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތް ކާޑާ ގުޅިގެން ރެއާލުން މެޗުގެ ފަހު ހަތް މިނެޓް ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ނަތީޖާ 1-1 ލަނޑުން އެއްވަރުވެފައި ވަނިކޮށް، ރެއާލަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލީޑު ހޯދައިދިނީ ވެސް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންނެވެ.
ބާސާގެ ދަނޑު، ކޭމްޕް ނޯގައި ކުޅުނު މެޗުގެ 56 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި، ޖެރާޑް ޕީކޭ ބާސާއަށް ލީޑު ނަގައިދިން ނަމަވެސް ދިހަ މިނެޓުތެރޭ ރެއާލަށް ކަރިމް ބެންޒެމާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ރޮނާލްޑޯގެ ލަނޑު ފެނުނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ.

ބާސެލޯނާ ކޮޅަށް ލަނޑުޖެހުމަށްފަހު، ރެއާލްގެ ކުޅުންތެރިންނާއެކު ރޮނާލްޑޯ އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ
"އަހަރެމެންނަށް އެނގޭ މެޗު އުނދަގޫވާނެކަން. ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. ހާއްސަކޮށް ދެވަނަ ހާފުގައި. ކޯޗުގެ ހިޔާލު ވަރަށް ރަނގަޅު. އޭނާ އަހަރެމެންނަށް އެންގީ މަރަށް ކުޅެން. އެއްވަރުވެފައި އޮތަސް އަހަރެމެން ބޭނުންވީ މޮޅެއް ހޯދަން،" ރެއާލްގެ ޑިފެންޑަރު ކާވޭހަލް ބުންޏެވެ.
ކާވޭހަލް ބުނީ، ކޮންމެ މެޗެއްގައި ވެސް ސަޕޯޓަރުން ދެމުންދާ ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށާއި ޗެމްޕިއަންސް ލީގުގައި ޖަރުމަނަށް ގޮސް، ވުލްފްސްބާގާ ދެކޮޅަށް ކުޅޭ މެޗުން ވެސް މޮޅުވާން ބޭނުންވާ ކަމަށެވެ.
ސްޕެނިޝް ލަލީގާގައި ރޭ ބާސާ އަތުން މޮޅުވުމާއެކު، ރެއާލް ވަނީ އެއް ވަނައިގައި އޮތް ބާސާއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްލައިފަ އެވެ. މި ސީޒަނުގެ ލީގުގައި ބާސާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މެޑްރިޑް ބަލިވީ 4-0 ލަނޑުންނެވެ.