03 Apr 2016, 18:59
ޕެސިފިކް ކަނޑުގެ ދެކުނުގައި އޮންނަ ވަނުއަޓޫއަށް އައި 6.9 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދިން ނަމަވެސް، މިހާރު ސުނާމީގެ ނުރައްކާ ކުޑަ ކަމަށް ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނެފި އެވެ.
ޔޫއެސް ޖިއޮލޮޖިކް ސާވޭއިން ބުނި ގޮތުގައި މީގެ ކުރިން 7.2 މެގްނިޓިއުޑްގެ ބިން ހެލުމެއް ކަމަށް ލަފާ ކުރެވުނު އެ ބިންހެލުން އައިސްފައި ވަނީ ވަނުއަޓޫގެ ވެރިރަށް ޕޯޓް ވިލާއާ 420 ކިލޯމީޓަރު ހުޅަނގު އުތުރުންނެވެ.
ޔޫއެސްޖީއެސް އިން ބުނި ގޮތުގައި ބިން ހެލުން އައިސްފައި ވަނީ ފުދޭވަރަކަށް ތިލަކޮށް، 35 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައި ނުވެ އެވެ.
އާބާދީގައި 270،000 އޮންނަ ވަނުއަޓޫ ސަރަހައްދަށް ބިންހެލުން އައުމަކީ އާއްމުކަމެކެވެ. ވަނުއަޓޫގެ އާބާދީގެ 44،000 މީހުން ދިރިއުޅެނީ ޕޯޓް ވިލާގަ އެވެ. (ބީބީސީ)