ޓްރާންސްޕޯޓް އޮތޯރިޓީ އަށް ގިނަ ގުނަ ޒިންމާތަކެއް ހަވާލުކުރުމަށް ފަހު އެ އޮތޯރިޓީގެ މަސައްކަތް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތަށް މުޅިން އަލަށް އެކުލަވާލައި ސަރުކާރުގެ ފަރާތުން ހުށަހެޅި "ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު" ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން އެ ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ މިނިސްޓަރުގެ ލަފާގެ މަތީން ޓްރާންސްޕޯޓް އޮތޯރިޓީގެ ސިޔާސަތުތައް ކަނޑައެޅުމަށާއި އޮތޯރިޓީ ހިންގުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމަށްޓަކައި ބޯޑެއް އެކުލަވައިލަން ވާނެ ކަމަށެވެ. އަދި އެބޯޑަށް ކިިޔާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އެ ބޯޑުގައި ތިބޭނީ ފަސް މެމްބަރުން ކަމަށާއި ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަންކުރައްވާނީ މެރިޓައިމް ނުވަތަ ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާއިންނާއި އެއްގަމު ދަތުރު ފަތުރުގެ ދާއިރާއިންނާއި އިގްތިސާދީ ދާއިރާއިންނާއި ތިމާވެއްޓާ ބެހޭ ދާއިރާގެ ބޭފުޅުން ކަމަށާއި މަސްވެރިކަމާއި ހިންގުމުގެ ދާއިރާ އިން ވެސް ބޭފުޅުން އެ ބޯޑަށް އައްޔަން ކުރަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ބުނެފައި ވަނީ އެ ބޯޑުގެ މެމްބަރު ކަމަށް ވެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާ އިން ފަސް އަހަރު ދުވަހު ހިދުމަތްކޮށްފައިވާން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން އެ ބޯޑަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ބިލު ތަސްދީގުކޮށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލުގައި ބުނެފައި ވަނީ އޮތޯރިޓީގެ މަސައްކަތަކުގެ ތެރޭން ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ހިންގާނީ ބޯޑުގެ ލަފައާއި އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތީން އެ އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލު ކަމަށެވެ. އަދި އެ މަގާމުގައި އެންމެ ގިނަ ދުވަހު ހުރެވޭނީ ފަސް އަހަރު ދުވަހު ދެ ދައުރު ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލު ތަސްދީގު ކުރެއްވުމާ އެކު ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުމަށާއި އަދި އެއްގަމާއި ކަަނޑު ދަތުރުފަތުރާގުޅޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ގާނޫނަކުން އުފައްދާ އިދާރާއަކުން ކަމާގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓިގެން ދާނެ އެވެ.