ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި އެއްވަނަ ސްވިމިން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕްގައި އެންމެ ގިނަ ރަން މެޑަލް ނިއު ލެގޫންސް ސްޕޯޓްސް ކްލަބު (އެންއެލްއެސްސީ) އިން ހޯދައިފި އެވެ.

މިދިޔަ މަހުގެ 30 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގައި ނިއު ލެގޫންސްއިން 13 ރަން މެޑެލް ހޯދި އެވެ. މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އިން އަށް ރަން މެޑެލް ހޯދިއިރު، ޔޫތު ސްޕޯޓްސް ކްލަބު (ވައިއެސްސީ) އިން ހަތް ރަން މެޑެލް ހޯދި އެވެ. ނާޑު ސްޕޯޓްސް ކްލަބު (އެންއެސްސީ) އިން ތިން ރަން މެޑެލް ހޯދިއިރު، ރިއަލް ޓީ ސްޕޯޓްސް ކްލަބު (އާރްޓީއެސްސީ) އަށް ވެސް ރަން މެޑެލެއް ވަނީ ލިބިފަ އެވެ.

އެ މުބާރާތުގައި ނިއު ލޭގުންސްއިން އަންހެން ޑިވިޝަނުގެ ހަތަރު ރަން މެޑެލް ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ނުވަ ރަން މެޑެލް ހޯދާފައިވެ އެވެ. އެމްއެލްއޭ އިން އަންހެން ޑިވިޝަނުގެ ހަ ރަން މެޑެލް ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ދެ ރަން މެޑެލް ހޯދާފައިވެ އެވެ. ވައިއެސްސީ އިން އަންހެން ޑިވިޝަންގެ ހަ ރަން މެޑެލް ހޯދިއިރު، ފިރިހެން ޑިވިޝަނުން ވެސް ރަން މެޑެލެއް ހޯދާފައިވެ އެވެ. އެންއެސްސީ އިން އަންހެން ޑިވިޝަންގެ ތިން ރަން މެޑެލް ހޯދާފައިވާ އިރު، އާރްޓީއެސްސީ އިން އަންހެން ޑިވިޝަންގެ ރަން މެޑެލެއް ހޯދާފައިވެ އެވެ.

ސްވިމިން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕްގައި މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނާއި، ނާޑު ސްޕޯޓްސް ކްލަބާއި، ނިއު ލެގޫންސް ސްޕޯޓްސް ކްލަބާއި، ރިއަލް ޓީ ސްޕޯޓްސް ކްލަބު އަދި ޔޫތު ސްޕޯޓްސް ކްލަބުން ވެސް އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވާދަކޮށްފައިވެ އެވެ.

ޖުމްލަ 84 އިވެންޓް ކުރިއަށްދިޔަ އެ މުބާރާތުގައި 35 އަންހެން ފެތުންތެރިންނާއި 42 ފިރިހެން ފެތުންތެރިން ބައިވެރިވި އެވެ.