03 Apr 2016, 15:17
ބާރު ބޭނުންކޮށްގެން ނޫސްވެރިންނާ މުއާމަލާތް ނުކުރުމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ދިވެހި ނޫސްވެރިންތަކެއް ރައީސް އޮފީހުގެ ސަރަހައްދުގައި ކުރި އިހުތިޖާޖާ ގުޅިގެން 14 ނޫސްވެރިއަކު ހައްޔަރުކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
މިއަދުގެ އިހުތިޖާޖުގެ ތެރެއިން. އިހުތިޖާޖު ހޫނުވެ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
ނަޝީދު ވަނީ ހުރިހާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފަ އެވެ. އަދި ދިވެހި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
Gohmushuge baaru gai noosverinaa muaamalai kurun balaeh nuganeveyne. Noosverin mihaarun mihaarah dhookohlaa.
— Mohamed Nasheed (@MohamedNasheed)April 3, 2016
ނޫސްވެރިން މިއަދު އިހުތިޖާޖު ކޮށްފައި ވަނީ ދުވަހު ނޫސް "ހަވީރު" ހުއްޓާލުމަށް މަގުފަހިވާ ގޮތަށް ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެންނާއި ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާއާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން އާއްމުކޮށްފައިނުވާ ކަމަށް ބުނެ އާއި ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ ގޮތަށް އަބުރާ ބެހުމުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ފާސްކުރަން އުޅޭތީ އެވެ.
މިއަދުގެ އިހުތިޖާޖުގެ ތެރެއިން. އިހުތިޖާޖު ހޫނުވެ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިން މިއަދު ފެށި އިހުތިޖާޖު ހޫނުވެފައި ވަނީ ރައީސް އޮފީސް ސަރަހައްދަށް އެއްވެ، ޝުއޫރުފާޅުކުރަމުން ދަނިކޮށް ފުލުހުން އެ ބައްދަލުވުން ރޫޅާލަން މަސައްކަތް ކުރުމުންނެވެ.
ނޫސްވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ފުލުހުން ވަނީ ނޫސްވެރިންގެ ތެރެއަށް ޕެޕާސްޕުރޭ ވެސް ޖަހައިފަ އެވެ. އެކުރިމަތިލުންތަކުގައި ބައެއް ނޫސްވެރިންނަށް ވަނީ އެކިވަރުގެ ހާނިއްކަ ވެސް ވެފަ އެވެ.
މިއަދުގެ އިހުތިޖާޖުގެ ތެރެއިން ދެ ނޫސްވެރިޔަކު ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރަނީ. އިހުތިޖާޖު ހޫނުވެ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
ފުލުހުން ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެން ނޫސްވެރިން ވެސް ހިމެނޭ އިރު ގިނައީ ހަވީރު ނޫހަށް ނިސްބަތްވާ ނޫސްވެރިންނެވެ. އޭގެ އިތުރުން ވެސް ރާއްޖޭގެ މަޝްހޫރު ނޫސްވެރިންތަކެއް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.