ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ބަސްމަގާއި އަމަލުތައް ހުރި ގޮތުން ސުވާލު އުފެދޭ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އެ ޕާޓީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރިލްވާން މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ފިލައިގެން ދިއުމުގައި ބާރުވެރި ބައެއްގެ މަދަދު ލިބިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެ ޕާޓީން ކުރި އިތުރު ޓުވީޓެއްގައި ބުނީ އެ މައްސަލާގެ ސީރިއަސްކަން އެތައް ގުނައަކަށް އިތުރުވެފައި ވާތީ ރިލްވާން މައްސަލާގައި މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ކަމަށެވެ.

އިސްކަންދަރުކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ޝަތީހު ވިދާޅުވީ ރިލްވާންގެ ފޯނު އޭގެ ޒާތުގައި ސުވިޗް އޮފްކޮށްލާފައިނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ރިލްވާންގެ ފޯނު އެންމެ ފަހުން ހިޓްވެފައި ވަނީ ފުލްމޫން ރިސޯޓުގެ ޓަވަރަކަށް ކަމަށާއި އެޓަވަރަށް ހިޓްވާ އެންމެ ދުރުހިސާބަކީ ހުޅުމާލޭ ބާބެކިޔު ސަރަހައްދުގެ ވަކި ހިސާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ ރިލްވާން ގެއްލުނު ރޭ އޭނާ އަށް ބަޔަކު މީހުން ފާރަލި ކަމަށެވެ. އަދި އެ މީހުންނަކީ ކުޑަހެންވޭރަށް ނިސްބަތްވާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.