03 Apr 2016, 13:42
ޕާޓްނާޝިޕް ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލަށް ސަރުކާރުން ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ދިވެހި ރާއްޖޭގައި ޕާޓްނާޝިޕް އުފެއްދުމާއި ރަޖިސްޓްރީ ކުރުމާއި ހިންގުމާއި ކަމާގުޅޭ އުސޫލްތައް ބަޔާން ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޕާޓްނާޝިޕް ވިޔަފާރިއެއްގައި ތިބޭނެ ޕާޓްނަރުންގެ އަދަދު ޕާޓްނާޝިޕް އެއްބަސްވުމުގައި ކަނޑައަޅާ ގޮތަށް ޕާޓްނާޝިޕް ގާނޫނަށް، އިސްލާހު ހުށަހެޅުއްވީ ގެމެނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު އެވެ.
ބިލުގައި ބުނެފައި ވަނީ ޕާޓްނާޝިޕުގައި އެންމެ ގިނަވެގެން ހިމެނޭނެ ޕާޓްނަރުންގެ އަދަދު ޕާޓްނާޝިޕްގެ އެއްބަސްވުމުގައި ބަޔާން ކުރަންވާނެ ކަމަށެވެ.
އޭގެ އިތުރުން ކޮންމެ ޕާޓްނާޝިޕެއްގައި މެނޭޖިން ޕާޓްނަރެއް ހުންނަންވާނެ ކަމަށާއި މެނޭޖިން ޕާޓްނަރަކީ އާންމުގޮތެއްގައި ދިވެހި ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ވާންވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.
ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން އުފައްދާ ލައިބިލިޓީ ޕާޓްނާޝިޕެއްގައި ޕާޓްނަރުން ދަރަންޏަށް ޒިންމާވާން ޖެހޭނެ ކަމަށާއި ޕާޓްނާޝިޕްގައި ބައިވެރިވާ ފަރާތްތަކުން ދަރަންޏަށް ޒިންމާވުމުގެ މިންވަރަކީ، ހަމައެކަނި އެ ޕާޓްނާޝިޕްގައި ހިމެނޭ ޕާޓްނަރުން އަގު އަދާކޮށްފައިވާ މިންވަރު ކަމަށް ކަނޑައެޅުމުގެ ބަދަލުގައި އަގު އަދާނުކޮށް އޮންނަ މިންވަރު ނުވަތަ އެނޫން ވެސް ގޮތަކަށް ޕާޓްނާޝިޕް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނަމަ، އެ މިންވަރު ކަމަށް އިސްލާހުގައިވެ އެވެ.
ޕާޓްނާޝިޕްގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، މިހާރު ގާނޫނުގައިވާ ބައެއް މާއްދާތައް މާނަކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރޝިޕް ރަޖިސްޓަރީކުރާ ފަރާތްތަކަށް، ޒަމާނީ މާލީ މުގާބިލުތައް މެދުވެރިކޮށް ފައިސާ ހޯދުމަށް ބޭނުންވެއްޖެ ހާލަތެއްގައި، އެފަދަ މުއާމަލާތްތަކަށް ވަދެވޭނެފަދަ ގޮތަކަށް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަޝިޕްތައް ބައްޓަންކުރެވިގެންދާނެ އެވެ.