މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އާ ގުޅިގެން ތިމަރަފުށި ޔޫތު ސެންޓަރުން އިންތިޒާމްކޮށްގެން ތ. ތިމަރަފުށީގައި ބިލިއާޑް މުބާރާތެއް ބާއްވައިފި އެވެ.

ތިމަރަފުށި ޔޫތު ސެންޓަރުން ބުނިގޮތުގައި ބިލިއާޑް މުބާރާތުގައި ބައިވެރިވެފައިވަނީ އެ ސެންޓަރުގައި ބޭއްވި ބިލިއާޑް ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވި 18 ބައިވެރިންނެވެ.

ބިލިއާޑް މުބާރާތާއި، ބިލިއާޑް ޓްރެއިނިން ޕްރޮގްރާމްގެ އިތުރުން، ތިމަރަފުށީ ޔޫތު ސެންޓަރުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅިގެން ޕިއާ އެޑިއުކޭޝަން އެންޑް އައުޓް ރީޗް ޓެރެއިނިން ޕްރޮގްރާމެއް ވެސް ކުރިއަށްގެންގޮސްފަ އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ތިމަރަފުށި ޔޫތު ސެންޓަރުގައި ކުރިއަށްދިޔަ ބިލިއާޑް ޓްރެއިނިން ޕްރޮގްރާމާއި، ޕިއާ އެޑިއުކޭޝަން އެންޑް އައުޓް ރީޗް ޓެރެއިނިން ޕްރޮގްރާމްގެ ބައިވެރިންނަށް ރޭ ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

އޭގެ އިތުރުން ބިލިއާޑް މުބާރާތުން ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ވަނީ ރޭ ބޭއްވި ރަސްމިއްޔާތުގައި އިނާމު ހަވާލުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ތިމަރަފުށީ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ބިލިއާޑް ޓްރެއިނިން ޕްރޮގްރާމްގައި 18 ފަރާތަކުން ބައިވެރިވިއިރު، ޕިއާ އެޑިއުކޭޝަން އެންޑް އައުޓް ރީޗް ޓެރެއިނިން ޕްރޮގްރާމްގައި 22 ފަރާތަކުން ބައިވެރިވެފައިވެ އެވެ.

އެ ކޯސްތަކުގެ އިތުރުން ތިމަރަފުށީ ޒުވާނުންނަށް އަމާޒުކޮށްގެން އިތުރު ދެ ކޯހެއް ތިމަރަފުށި ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.