މާލޭގެ ބޮޑުބަޔަކުން ފެންކެނޑިފައިވާ މައްސަލަ ހައްލުކުރެވޭނީ މިރޭ އިރުއޮއްސެންވާއިރަށް ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް މިއަދު ސަން އަށް ވިދާޅުވީ، ފެނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ބެލެވެނީ އިރުއޮއްސެންވާއިރަށް ކަމަށާއި އޭރުން ޕްރެޝަރުގައި ފެން ލިބިގެންދާނެ ކަމަށެވެ.

"ފެނުގެ މައްސަލަ ހައްލު ކުރަމުން މިދަނީ، އަޅުގަނޑުމެން މިބަލަނީ އިރުއޮއްސުމުގެ ކުރިން ހައްލުވޭތޯ،" ފަޒުލް ވިދާޅުވިއެވެ.

ފެނުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީ އިން މިއަދު ބުނީ، އިއްޔެ ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއެކު ބޯހޯލްތަކާއި ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެހެންކަމުން ތިން ވަނަ ބުރިން މަތީ ފްލޯތަކަށް ފެން ނުލިބުން އެކަށީގެންވާ ކަމަށެވެ.

އެކުންފުނިން ބުނީ، ފެނުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.