އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ ކޮޅަށް މާރިއޯ މަންޒުކިޗް ޖަހައިދިން ގޯލުން 1-0ގެ ނަތީޖާ އަކުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އިން ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭގެ މޮޅާއެކީ ޔުވެންޓަސް އޮތީ 73 ޕޮއިންޓާއެކީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ޔުވެންޓަސްއަށް ވުރެ އެއް މެޗު މަދުންކުޅެ، 67 ޕޮއިންޓާއެކީ ނަޕޯލީ އޮތްއިރު، މިރޭ އުދިނޭސީއާ ދެކޮޅަށް އެ ޓީމް ކުޅޭ މެޗު ކާމިޔާބްކޮށް ޔުވެންޓަސްއާ ތިން ޕޮއިންޓް ކައިރިއަށް ޖެހިލެވޭނެއެވެ. ޔުވެންޓަސް އަތުން ރޭ ބަލިވި އެމްޕޮލީ އޮތީ 36 ޕޮއިންޓާއެކީ ލީގުގެ 11 ވަނައިގައެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު އެ މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މަންޒުކިޗް ކާމިޔާބްކުރީ ޕައުލް ޕޮގްބާ ގޯލު ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފްގައި ވެސް މޮޅު ކުޅުމެއް ދެއްކި ޔުވެންޓަސް އަށް ވަނީ ލީޑް އިތުރަށް ފުޅާ ކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެ ގޮތުން ޕޮގްބާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ވެސް އެމްޕޮލީގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް ވަނީ ބަލިނުވެ 21 މެޗު ހަމަކޮށްފައެވެ.