03 Apr 2016, 12:52
ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގައި މަޑިފުށީ އަންހެނުންގެ ވޮލީ ޓީމު އަތުން ދިޔަމިގިލީ އަންހެނުންގެ ވޮލީ ޓީމު މޮޅުވެއްޖެ އެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގައި މަޑިފުށީ އަންހެނުންގެ ވޮލީ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ދިޔަމިގިލި ޓީމު މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ފުރަތަމަ ސެޓް 25-22 އިން ކާމިޔާބުކުރީ ދިޔަމިގިލީ އަންހެނުންގެ ވޮލީ ޓީމެވެ. ދެވަނަ ސެޓް 25-19 އިން ކާމިޔާބުކުރީ މަޑިފުށީ އަންހެނުންގެ ވޮލީ ޓީމެވެ. ތިން ވަނަ ސެޓް ދިޔަމިގިލި ޓީމުން 25-18 އިން ކާމިޔާބުކުރިއިރު، ހަތަރު ވަނަ ސެޓު މަޑިފުށި ޓީމުން ކާމިޔާބުކުރީ 25-16 އިންނެވެ. މެޗުގެ ފަހު ސެޓު ދިޔަމިގިލި ޓީމުން ކާމިޔާބުކުރީ 15-12 އިންނެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ހިރިލަންދޫ އާއި މަޑިފުށީގެ ފިރިހެން ޓީމެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގައި މަޑިފުށީ އަންހެނުންގެ ވޮލީ ޓީމާއި ދިޔަމިގިލީ އަންހެނުންގެ ވޮލީ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން --
ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް، "ކޮޅުމަޑުލު ވޮލީ ޓޯނަމެންޓް 2016" ފެށިފައިވަނީ އިއްޔެ އެވެ. ކޮޅުމަޑުލު ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގައި އެ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލުފުށްޓާއި، މަޑިފުށްޓާއި، ދިޔަމިގިލި އަދި ހިރިލަންދޫ އެވެ.
ދެ ޑިވިޝަން ހިމެނޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވި އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމެވެ. އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ވިލުފުށްޓާއި، މަޑިފުށި އަދި ދިޔަމިގިއްޔެވެ. މިބާރާތުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް ފިރިހެން ޓީމެއް ބައިވެރިވެފައިވެ އެވެ.
އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް އިއްޔެއިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.