އިންޑިއާގެ އަންހެނަކު 30 މިނެޓު ތެރޭ ފަސް ކުދިން ވިހައިފި އެވެ. ހަބަރުތައް ބުނާ ގޮތުން 25 އަހަރުގެ މަނީތާ ސިންގު ނަމަކަށް ކިޔާ އެ އަންހެންމީހާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔައިރުވެސް ފަސް ކުދިންނަށް ބަލިވެ އިންކަމެއް ނޭނގެ އެވެ.

ހަމައެއާއެކު، އޭނާ އަކީ މީގެ ކުރިން ދުވަހަކުވެސް އަލްޓްރާސައުންޑު ސްކޭން ހަދާފައިވާ މީހެއް ނޫން ކަމަށާއި އޭނާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔައިރު ބަނޑަށް އެންމެ 26 ހަފުތާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާ ގޮތުން، މަނީތާ ވިހެއި ފަސް ކުދިންނަކީވެސް އަންހެން ކުދިންނެވެ. އަދި ބަރުދަނުގައި 1.5 ކިލޯ ހުރި އެ ފަސް ކުދިންނަށްވެސް ނިއޯ ނޭޓަލް އިންޓެންސިވް ކެއާގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

އެ ފަސްކުދިން ވިއްސުމުގައި ހަރަކާތްތެރިވި ޑރ. ޓެކަމް ބުނީ، އެއީ އޭނާގެ ހަޔާތުގައިވެސް ފަސް ކުދިން ވިއްސި ފުރަތަމަ ފަހަރު ކަމަށެވެ.

"އެ ކުދިން ދުވަސް ނުފުރާ ވިހެއިމަ އެކުދިންގެ ކަންތައްތައް ވަރަށް ގާތުން ބަލަމުން މި އަންނަނީ. އެ ކުދިން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މި އަންނަނީ،" ޑރ.ޓެކަމް ބުންޏެވެ.