ދިވެހި ނޫސްވެރިން ރައީސް އޮފީހުގެ ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ އިހުތިޖާޖާ ގުޅިގެން 14 ނޫސްވެރިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެން ނޫސްވެރިން ވެސް ހިމެނޭ އިރު ގިނައީ ހަވީރު ނޫހަށް ނިސްބަތްވާ ނޫސްވެރިންނެވެ. އޭގެ އިތުރުން ވެސް ރާއްޖޭގެ މަޝްހޫރު ނޫސްވެރިންތަކެއް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.

ނޫސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން:

މިއަދު 11 ޖަހާކަންހާ އިރު ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލާ ގިނަ އަދަދެއްގެ ނޫސްވެރިން ފެށި އިހުތިޖާޖު ހޫނުވެފައި ވަނީ ރައީސް އޮފީސް ސަރަހައްދަށް އެއްވެ، ޝުއޫރުފާޅުކުރަމުން ދަނިކޮށް ފުލުހުން އެ ބައްދަލުވުން ރޫޅާލަން މަސައްކަތް ކުރުމުންނެވެ.

ނޫސްވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ. އެކުރިމަތިލުންތަކުގައި ބައެއް ނޫސްވެރިންނަށް ވަނީ އެކިވަރުގެ ހާނިއްކަ ވެސް ވެފަ އެވެ. ފުލުހުން ވަނީ ނޫސްވެރިންގެ ތެރެއަށް ޕެޕާސްޕުރޭ ވެސް ޖަހައިފަ އެވެ.

ނޫސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން:

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތެއް އަދިނުވެ އެވެ.

ނޫސްވެރިން އިހުތިޖާޖު ކުރަމުންދަނީ ހަވީރު ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެންނާއި ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާއާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން އާއްމުކޮށްފައިނުވާ ކަމަށް ބުނެ އާއި ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ ގޮތަށް އަބުރާ ބެހުމުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ފާސްކުރަން އުޅޭތީ އެވެ.