އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ، ބާސެލޯނާ އަތުން ރެއާލް މެޑްރިޑް މޮޅުވާނެކަން ކުރިން އެނގުނު ނަމަ، ގަސްތުގަ ރަތް ކާޑެއް ހޯދީސް ކަމަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.

ސްޕެނިޝް ލަލީގާގައި ބާސާގެ ކޭމްޕް ނޯގައި ރޭ ކުޅުނު މެޗު 1-1 ލަނޑުން އެއްވަރުވެފައި ވަނިކޮށް، ރެއާލް އިން ލީޑު ނެގީ ރާމޯސްއަށް ދެއްކި ރަތް ކާޑަށްފަހު، ދިހަ ކުޅުންތެރިންނާއެކު އެވެ.

މެޗުގައި ބާސާ އަތުން 1-0 ލަނޑުން ބަލިވާން ދަނިކޮށް، ރޭގެ މެޗުން ރެއާލް މޮޅުވީ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުތަކުންނެވެ.

"ދެވަނަ ހާފްގައި ކުޅުންތެރިޔަކު މަދުކޮށް، އަހަރެމެންނަށް ބާސާއަށް ނުރައްކާކުރެވުނު. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ، އަހަރެމެން މޮޅުވާނެކަން ކުރިން އެނގުނު ނަމަ، މެޗުގެ ފަސް ވަނަ މިނެޓުގައި ގަސްދުގަ ރަތް ކާޑެއް ހޯދީސް،" ރާމޯސް ބުންޏެވެ.

ސްޕެނިޝް ލަލީގާގައި ފުރަތަމަ ބާސާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވެފައިވަނީ 4-0 ލަނޑުންނެވެ. ރޭގެ މޮޅާއެކު ލީގުގެ އެއް ވަނައިގައި އޮތް ބާސާއާ ދެމެދު އޮތް ފަރަގު ރެއާލްއިން ވަނީ ހަތް ޕޮއިންޓަށް ކުޑަކޮށްލައިފަ އެވެ.

"ފުޓްބޯޅައިގެ ރަނގަޅު ކަމަކީ ބަދަލު ހިފަން ފުރުސަތު ލިބޭތީ. އަހަރެމެންގެ ސަޕޯޓަރުންނަށް މިސީޒަނުގައި ގިނަ ކަންތައްތަކަކާ ކުރިމަތިލާން ޖެހުނު. މިއީ ސަޕޯޓަރުންނަށް ރަނގަޅު ކާމިޔާބެއް. މިއީ އަހަރެމެންގެ ހިތްވަރު އާކުރުމަށް ލިބުނު ރަނގަޅު މޮޅެއް. މިސީޒަނުގައި ހާއްސަ ކަމެއް ހާސިލުކުރުމަށް އަހަރެމެން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން،" ރާމޯސް ބުންޏެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް، ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއް ވަނާގައި އަދިވެސް އޮތީ ބާސާ އެވެ. ބާސާ ކުޅުނު 31 މެޗުން ވަނީ 76 ޕޮއިންޓް ހޯދައިފަ އެވެ. ކުޅުނު 31 މެޗުން ލިބުނު 70 ޕޮއިންޓާއެކު ދެ ވަނައިގައި އެތުލެޓިކޯ އޮތްއިރު، ތިން ވަނައިގައި އޮތް ރެއާލްއަށް ކުޅުނު 31 މެޗުން ލިބިފައި ވަނީ 69 ޕޮއިންޓެވެ.