03 Apr 2016, 11:36
މާލޭގެ ބޮޑު ސަރަހައްދަކުން ފެން ކެނޑުމާ ގުޅިގެން މާލެއަށް ބޭނުންވާ ފެން ހުޅުމާލެއިން ގެނައުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
ސިފައިންގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު "ސަން" އަށް މިއަދު ވިދާޅުވީ، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަށް އެހީތެރިވުމުގެ ގޮތުން ފެން ގެނައުމުގެ މަސައްކަތުގައި ސިފައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެގޮތުން މިހާތަނަށް 30 ވަރަކަށް ޓަނުގެ ފެން މާލެ ގެނެވިފައިވާ ކަމަށް މޭޖާ އަދުނާން ވިދާޅުވި އެވެ.
މިއަދު ހެނދުނުގެ ވަގުތަކުން ފެށިގެން މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ފެނުގެ ހިދުމަތް މެދުކެނޑިފައެވެ. އެގޮތުން ބައެއް ގޭތަކަށް އެއްވެސް ވަރަކަށް ފެނުގެ ހިދުމަތް ނުލިބެއެވެ.
ފެނުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީ އިން މިއަދު ބުނީ، އިއްޔެ ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއެކު ބޯހޯލްތަކާއި ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެހެންކަމުން ތިން ވަނަ ބުރިން މަތީ ފުލޯތަކަށް ފެން ނުލިބުން އެކަށީގެންވާ ކަމަށެވެ.
އެކުންފުނިން ބުނީ ފެނުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މައްސަލަ ހައްލުވާނެ ވަކި އިރެއް ހާމައެއް ނުކުރެއެވެ.