ދުނިޔޭގެ މަސައްކަތްތެރިންގެ ޢީދު ކަމަށްވާ މޭމަހުގެ އެއްވަނަ ދުވަސް ދުނިޔޭގެ އެކިޤައުމުތަކުގައި މުޒާހަރާތަކާއި އިހްތިޖާޖްތަކާއި ހިނގާލުންތަކުން ފާހަގަ ކޮށްފިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިދުވަސް ފާހަގަކުރީ މަސައްކަތްތެރިންގެ މަސައްކަތު މާޙައުލާއި އެމީހުންގެ ދިރިއުޅުމުގެ ފެންވަރާއި އުޖޫރަ ރަނގަޅުކުރުމަށް ގޮވާލައި ކުރި މުޒާހަރާތަކާއި ބޭއްވި އެއްވުންތަކުންނެވެ.

ޔޫރަޕަށް ބަލާއިރު މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ގްރީސްގެ މަސައްކަތްތެރިން ކުރި ހަޅުތާލު ތަކާއެކު މުޅި ގްރީސް އިއްޔެ ހުއްޓުމަކަށް އައެވެ. ގްރީސްގެ މަސައްކަތްތެރިން ހަޅުތާލުކުރީ ފަގީރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލައި މުއްސަނދިންގެ އަތުން ޓެކްސް ނެގުމަށް ގޮވާލަމުންނެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި މަސައްކަތްތެރިން ބޭއްވި މުޒަހަރާގައި ފުލުހުންނާއި މުޒާހަރާކުރި މަސައްކަތްތެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ. ޔޫރަޕްގެ އެންމެ ފަގީރު ޤައުމުކަމަށްވާ ބަލްގޭރިޔާގައި ކުރި މުޒާހަރާތަކުގައި އެޤައުމުގެ މަސައްކަތްތެރިން، އިޤްތިސާދު މެނޭޖްކުރުމުގައި އެޤައުމުގެ ސަރުކާރު ނާކާމިޔާބު ވެފައިވާތީ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާފައިވެއެވެ.

އޭޝިޔާއަށް ބަލާއިރު އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާގައި ވިއްސަކަށްހާސް މީހުން، މަސައްކަތްތެރިންގެ ޙައްޤުތަށް ފުރިހަމަ ކޮށްދިނުމަށް ގޮވާލާ މުޒާހަރާކޮށްފައިވެއެވެ. މީގެއިތުރުންވެސް ދުނިޔޭގެ އެތަށް ޤައުމެއްގައި ޓްރޭޑް ޔުނިޔަން ތަކުންނާއި މަސައްކަތްތެރިންނާ އަދި ޢާންމު ރައްޔިތުންވެސް ސަރުކާރުތަކާ ދެކޮޅަށް އަޑުއުފުލައި މަސައްކަތްތެރިންގެ ޙައްޤުތަކަށް ގޮވާލައި މުޒަހަރާތަކާއި އެއްވުންތަކާއި ހިނގާލުންތައް ބާއްވާފައިވެއެވެ.(އަލްޖަޒީރާ)