03 Apr 2016, 11:30
ބޭންކް އޮފް މޯލްޑިވްސްގެ ހައުސިންގ ލޯނުތަކުގެ އިންޓެރެސްޓް ރޭޓުން ދެ ޕަސެންޓް އަށް، އަދި ޕާސަނަލް ލޯނުތަކުން ހަ ޕަސެންޓްއަށް ކުޑަކޮށް، ކުޑަ އިންޓެރެސްޓް ރޭޓުގައި ލޯނު ދޫކުރަން ފަށައިފި އެވެ.
ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓާ މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ، އިންޓެރެސްޓް ރޭޓު ކުޑަ ކުރުމާއި އެކު، މިހާރު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ކުޑަ އިންޓެރެސްޓް ރޭޓެއްގައި ލޯނު ފޯރުކޮށްދޭ ބޭންކު ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ގެނައި ބަދަލަޢި އެކު، ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ކުޑަ އިންޓެރެސްޓް ރޭޓުގައި ހައުސިންގ ލޯނުތައް ދޫކުރާ ބޭންކް،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްއިން އިންޓެރެސްޓް ރޭޓު ކުޑަކޮށްފައި ވަނީ އެ ބޭންކުން ދޫކުރާ ފަސް ލޯނަކުންނެވެ. އެއީ ހައުސިންގ ލޯނުތަކުގެ ތެރޭގައި ހިމެނޭ ހޯމް ލޯން، ހޯމް ކޮންސްޓްރަކްޝަން ލޯނު އަދި ރިއަލް އެސްޓޭޓު ލޯނާއި، ޕާސަނަލް ލޯނުގެ ތެރޭގައި ހިމެނޭ ލުއި އެކްސްޕްރެސް އާއު ލުއި ޕުރޮފެޝަނަލް ލޯނެވެ.
ކުރިން 11 ޕަސެންޓުގެ އިންޓެރެސްޓް ރޭޓެއްގައި ބީއެމްއެލްއިން ދޫކުރިހޯމް ލޯންމިއަދުން ފެށިގެން ދޫކުރާނީ ނުވަ ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އިންޓެރެސްޓު ރޭޓުގަ އެވެ.
ހޯމް ކޮންސްޓްރަކްޝަން ލޯން މީގެ ކުރިން 11.5 ޕަސެންޓާއި 12 ޕަސެންޓުގެ އިންޓެރެސްޓް ރޭޓުގައި ދޫކުރި އިރު، މިއަދުން ފަށައިގެން އެ ލޯނުތައް ދޫކުރާނީ 9.50 ޕަސެންޓާއި 10.50 ޕަސެންޓާ ދެމެދުގެ ރޭޓެއްގަ އެވެ.
އަދި 12 ޕަސެންޓުގައި ދޫކުރިރިއަލް އެސްޓޭޓް ލޯނުމިހާރު ދޫކުރަނީ 10 ޕަސެންޓާއި 11 ޕަސެންޓުއާ ދެމެދުގެ އިންޓެރެސްޓް ރޭޓެއްގަ އެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި، މި ތިން ލޯނު ވެސް އަނބުރައި ދެއްކުމުގެ މުއްދަތަކީ 20 އަހަރެވެ.
ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވީ، އާ އިންޓެރެސްޓް ރޭޓާއި އެކު މުޅި ލޯނުގެ މުއްދަތުގެ ތެރެއިން، ލޯނު ނަގާ ފަރާތަށް ގާތްގަނޑަކަށް ދެ މިލިޔަން ރުފިޔާ ރައްކާ ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން، ބޭންކުގެ އެންމެ މަގުބޫލު އެއް ލޯނު ކަމުގައިވާ ލުއި އެކްސްޕްރެސް ލޯނު ނެގުމުގައި ރަހުނެއް ހުށަހެޅުމުން، އެ ލޯނުގެ އިންޓެރެސްޓް ރޭޓު، 18 ޕަސެންޓްއިން 11.75 ޕަސެންޓްއަށް ކުޑަ ވާނެ އެވެ.