03 Apr 2016, 11:04
ފާއިތުވި އަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާ އިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅި މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2015 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ވަނީ ނުވަ ޕަސެންޓް އިތުރުވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ 3545 މައްސަލަ އެއް ހުށަހެޅިފައިވާއިރު، 3850 މައްސަލަ އެއް މިމަހުގެ ފުރަތަމަ ތިން މަހު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އެއީ 305 މައްސަލަ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަހު ފުލުހުންނަށް ހުށަހެޅި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ އިތުރުން ޓްރެފިކް މައްސަލަތައް އިތުރުވެފައިވާއިރު، ގެވެށި އަނިޔާއާ ޖިންސީ ގޯނާ އަދި މާރާމާރީގެ މައްސަލަތައް ވަނީ ދަށްވެފައެވެ.
އެގޮތުން، ފޭރުމުގެ 122 މައްސަލައެއް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ހުށަހެޅިފައިވާއިރު، އެ އަދަދު މިއަހަރުގެ ފުރަތަމަ ތިން މަހު ވަނީ 238 އަށް އިތުރުވެފައެވެ. މިއީ 116 މައްސަލައިގެ ފަރަގެކެވެ.
ފުލުހުންނަށް ހުށަހެޅި މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު 479 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި 613 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެއީ 28 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރާއި މިއަހަރުގެ ފުރަތަމަ ތިން މަހު ވެސް އެންމެ ގިނައިން ފުލުހުންނަށް ހުށަހެޅި ވައްކަމުގެ މައްސަލަތެކެވެ. ނަމަވެސް ވައްކަމުގެ މައްސަަލަތައް މިއަހަރު އިތުރުވެފައިވަނީ، އެންމެ ޕަސަންޓެކެވެ.
ފުލުހުންނަށް ހުށަހެޅި ޓްރެފިކްގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު 579 މައްސަލައެއް އަދި މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި 691 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އެއީ 19 ޕަސެންޓް އިތުރުވުމެކެވެ.
ޗެކްބައުންސާއި ކައުންޓަފީޓް އަދި ފޯޖަރީގެ އިތުރުން ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތައް ވެސް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު ވަނީ އިތުރުވެފައެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހާއަޅާބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ފުލުހުންނަށް ހުށަހެޅި ޖިންސީ ގޯނާއާ ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން މާރާމާރީގެ މައްސަލަތައް ވަނީ ދަށްވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ގެވެށި އަނިޔާގެ މައްސަލަތައް 13 ޕަސެންޓް ދަށްވެ، ޖިންސީ ގޯނާގެ މައްސަލަތައް ވަނީ 12 ޕަސެންޓް ދަށްވެފައެވެ. އަދި މާރާމާރީގެ މައްސަލަތައް 28 ޕަސެންޓް ދަށްވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.