މީގެ ހަފްތާއެއްހާ ދުވަސް ކުރިން، ސީރިޔާގައި ހަރަކާތްތެރިވަމުން އަންނަ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މިނިވަންކުރި، އެގައުމުގެ ގަދީމީ ސިޓީ، ޕަލްމީރާ އިން ބޮޑު ކަށްވަޅެއް ފެނިއްޖެ އެވެ.

ސީރިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ޕަލްމީރާ އިން 40 ށް ވުރެ ގިނަ މީހުން ވަޅުލާފައިވާ ކަށްވަޅެއް ވަނީ ފެނިފަ އެވެ. ކަށްވަޅުން ފެނުނު ހަށިގަނޑުތަކުގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ މީހުންނާ ބޯ ކަނޑާލާފައިވާ މީހުންވެސް ހިމެނޭ ކަމަށްވެ އެވެ.

މަރާލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިން ކަމަށް ހަބަރުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އެއީ އައިއެސް އިން މީގެ 10 މަސް ކުރިން ޕަލްމީރާ ހިފުމަށް ފަހު އެތަނުގައި ކުރިއަށް ގެންދިޔަ ބައެއް ޖަރީމާތަކުގެ ހެކިތަކެވެ.

މެއި މަހު އައިއެސް އިން އެ ސިޓީ ހިފުމަށްފަހު، އެތަނުގައި ހުރި ގިނަ އަދަދެއްގެ ގަދީމީ ތަންތަން ވަނީ ގޮއްވައި ސުންނާފަތިކޮށްލާފަ އެވެ. ޕަލްމީރާ ސިޓީ އައިއެސްގެ ބާރުގެ ދަށުން ނަގައި، އެ ސިޓީގައި ތިބި އައިއެސް ހަނގުރާމަވެރިން ފައްސާލީ ސީރިޔާ އަސްކަރިއްޔާގެ ސިފައިންނާ، ރަޝިޔާ ހަނގުރާމަވެރިން ގުޅިގެން ދިން ހަމަލާތަކުން މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހު އެވެ.

ޕަލްމީރާގެ ފުރިހަމަ ކޮންޓްރޯލް ސީރިޔާ އަސްކަރިއްޔާއިން ހޯދުމަށްފަހު، އައިއެސްގެ ބާރުގެ ދަށުގައި ޕަލްމީރަ އޮތް އިރު ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. (ސީއެންއެން)