މާލޭ ބޮޑު ސަރަހައްދަކުން ފެން ކެނޑުމާ އެކު "މިނެރަލް ވޯޓާ" އަށް ޑިމާންޑް ބޮޑުވެއްޖެ އެވެ.

ބައެއް ކަންމަތީ ފިހާރަތަކުން ސަން އަށް މައުލޫމާތު ދިންގޮތުގައި ފެންކެނޑުނުތާ މާ ގިނައިރުތަކެއްނުވެ ގިނަ އަދަދެއްގެ ބަޔަކު އައިސް ވަނީ މިނެރަލް ވޯޓާ ގަނެފައެވެ.

މިހާރު ގިނަ ފިހާރަތަކުން މިނަރަލް ވޯޓާ ހުސްވެފައިވާކަންވެސް ފާހަގަކުރެވެއެވެ.

މިއަދު ހެނދުނުގެ ވަގުތަކުން ފެށިގެން މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ފެނުގެ ހިދުމަތް މެދުކެނޑިފައެވެ. އެގޮތުން ބައެއް ގޭތަކަށް އެއްވެސް ވަރަކަށް ފެނުގެ ހިދުމަތް ނުލިބެއެވެ.

ފެނުގެ ހިދުމަތް ފޯރުކޮށްދޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އިން މިއަދު ބުނީ، އިއްޔެ ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއެކު ބޯހޯލްތަކާއި ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެހެންކަމުން ތިން ވަނަ ބުރިން މަތީ ފުލޯތަކަށް ފެން ނުލިބުން އެކަށީގެންވާ ކަމަށެވެ.

އެކުންފުނިން ބުނީ ފެނުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މައްސަލަ ހައްލުވާނެ ވަކި އިރެއް ހާމައެއް ނުކުރެއެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް މާލެއަށް ދިމާވި ފެނުގެ ކާރިސާއާއެކު އެންމެ ޑިމާންޑް ބޮޑުވެގެންދިޔަ އެއްޗަކަށްވީ މިނެރަލް ވޯޓާ އެވެ.