ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފާސްކުރި ސިއްހީ ހިދުމަތްތެރީންގެ ގާނޫނުގައި ބުނެފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހަތަރު ވަނަ ފަހަރަށް ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިިދިޔަ ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެކައުންސިލަށް ކުރިމަތިލުމަށް ހަތަރުވަނަ ފަހަރަށް ހުޅުވާލީ ތިންވަނަ ފަހަރަށް އެ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެކަށީގެންވާ ވަރަށް ބޭފުޅުން ކުރިމަތި ލައްވާފައިނުވާތީ ކަމަށެވެ.

ކައުންސިލް މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން

  • ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަން ޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަން ޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި ދިރާސާކުރަން ޖެހޭ ލިޔުންތައް ދިރާސާކުރުމާއި ތައްޔާރުކުރަން ޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  • މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާގި މިންގަނޑުތަކާއި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.

ކައުންސިލް މެންބަރުންގެ ޝަރުތުތައް:

  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިނުވުން.
  • ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން ފަސް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • ސިއްހީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.

ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފައިވާ، މެޑިކަލް ކައުންސިލަށް މެމްބަރުން ހޮވުމަށްޓަކައި ސިލެކްޝަން ކޮމިޓީއެއް ހެލްތު މިނިސްޓްރީން އެކުލަވައިލަން ޖެހެ އެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ، މިނިސްޓްރީން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން މަދަނީ ޖަމިއްޔާއަކުން މެމްބަރެކެވެ.

އެ އިއުލާނުގައި ވަނީ އެކައުންސިލަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 1:30ގެ ކުރިން އެ މިނިސްޓްރީއަށް ސިޓީ ހުށަހަޅަންވާނެ ކަމަށެވެ.