ޓްރިޕޮލީ : ނޭޓޯގެ ވައިގެ ޙަމަލާތަކެއްގައި ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ހަގުދަރިކަލުން ސައިފުލްއަރަބް އާއި ގައްޒާފީގެ ކާފަދަރިންގެ ތެރޭގައި ހިމެނޭ ތިންކުޑަކުއްޖަކު އަވަހާރަވުމުން ލީބިޔާގައި ހުންނަ ނޭޓޯގެ އެތަށްޤައުމެއްގެ އެންބަސީތަކުގައާއި އެންބެސެޑަރުން ތިއްބަވާގެތަކުގައި ހުޅުޖަހައި އަންދާލައިފިއެވެ.

ޓްރިޕޮލީން ލިބޭ ޚަބަރުތައް ބުނާގޮތުން ގައްޒާފީއަށް ތާއީދުކުރާ ލީބިޔާގެ އެތަށް ހާސްބަޔަކު މިއަދު މަގުތަކަށް ނުކުމެ އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީ އަދި ފަރަންސޭސިވިލާތުގެ އެންބަސީތަކާއި އެންބެސެޑަރުންގެ ގެކޮޅުތަކުގައި ހުޅުޖަހައި އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ.

ވަރަށް ފަހަކާ ޖެހެންދެންވެސް ގައްޒާފީއާ ވަރަށް ގާތްގުޅުންތަކެއް ބޭއްވި ޤައުމެއް ކަމަށްވާ އިޓަލީގެ އެންބަސީއާއި އެންބެސަޑަރުގެ ރަސްމީގެކޮޅު އެތަނުގައިވާ ލިޔެކިޔުންތަކާއެކު އަންދާލާފައިވާ ކަމަށާއި އިޓަލީގެ އެންބަސީގެ ޢިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ނުނިވޭ ކަމަށް ޔުނައިޓެޑް ޕްރެސް ބުނެއެވެ.

އިޓަލީއާއި އިނގިރޭސިވިލާތުންވަނީ މިޢަމަލު ކުށްވެރިކޮށް ބޭރުގެ އެންބަސީތައް ޙިމާޔަތް ކުރުމަކީ ވިއެނާ ކޮންވެންޝަންގެ ދަށުން ލީބިޔާ ސަރުކާރަށް މަޖްބޫރު ކަމެއްކަމަށް ބުނެފައެވެ.

ލީބިޔާއާ ދެކޮޅަށް ނޭޓޯ ދެމުން ގެންދާ ހަމަލާތަކުގައި ބައިވެރިވާނެކަން އިޓަލީން އިއްޔެ އިޢްލާން ކުރުމުން ގައްޒާފީވަނީ ލީބިޔާގައި ހިނގަމުންދާ ހަނގުރާމަ އީޓަލީގެ ސަރަޙަށްދަށް ގެންދިޔުމުގެ ޙައްޤު ލީބިޔާއަށްވެސް އޮންނާނެ ކަމަށް ވިދާޅުވެ އިޓަލީއަށް އިންޒާރު ދެއްވާފައެވެ.

އިޓަލީއަށް ޙަމަލާދޭނެ ގޮތަކާއި ވަގުތަކާއި ހަމަލާދޭނެ ތަންތަން ކަނޑައަޅާނީ ލީބިޔާއިން ކަމަށް ވެސް ގައްޒާފީ ވިދާޅުވިއެވެ. ގައްޒާފީގެ މިއިންޒާރާމެދު ކަންބޮޑުވާކަން އިޓަލީންވަނީ ހާމަކޮށްފައެވެ.

ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެރޭ ދިން ޙަމަލާތަކުގައި ގައްޒާފީގެ ހަނގުދަރިކަލުންނާއި ކާފަ ތިންދަރިކަލަކު އަވަހާރަވިކަން ލީބިޔާއިން ވަނީ އިތުރަށް ކަށަވަރުކޮށްދީފައެވެ.

ލީބިޔާ ސަރުކާރުގެ ތަރްޖަމާނެއްކަމަށްވާ މޫސާ އިބްރާހީމް ވިދާޅުވީ މިހަތަރު ބޭފުޅުން މަރުވީ ޓްރިޕޮލީގެ މެދުތެރޭގައިވާ ގެއެއްގައި އެބޭފުޅުން ތިއްބެވި ވަގުތެއްގައި އެގެއަށް ނޭޓޯގެ މަތިންދާބޯޓުތަކުން ދިން ޙަމަލާތަކެއްގައި ކަމަށާއި ޙަމަލާދިންވަގުތު ޤައްޒާފީއާއި އޭނާގެ އަނބިކަނބަލުން ސަފިއްޔާ އެގޭގައި ތިއްބެވި ނަމަވެސް އެދެކަނބަލުން މިޙަމަލާއިން ސަލާމަތްވިކަމަށް މުސާ އިބްރާހީމް ވިދާޅުވިއެވެ.

ގައްޒާފީގެ ޢާއިލާއަށް ޙަމަލާދީ އެމީހުން މެރުމުގެ ހުއްދަ އދ. ގެ ޤަރާރުގެ ދަށުން ނޭޓޯއަށް ލިބިފައިނުވާނެ ކަމަށާއި މިއީ ނޭޓޯ ހިންގި ޓެރަރިޒަމްގެ ޢަމަލެއް ކަމަށްވެސް ލިބިޔާގެ ތަރްޖަމާން ވިދާޅުވި އެވެ.

ނޭޓޯއިން ވަނީ ޓްރިޕޮލީގައި ހުންނަ ގައްޒާފީގެ ބާބުލްޢަޒީޒިއްޔާ ރިޔާސީ އެކުވެންޏަށް ޙަމަލާތަކެއްދިން ކަމަށް އެއްބަސްވެފައެވެ. ނަމަވެސް ޓްރިޕޮލީގެ އެހެންތަނަކަށް ޙަމަލާ ނުދޭ ކަމަށާއި ޤައްޒާފީގެ ދަރިކަލަކު މަރުވިކަމަށް ލީބިޔާ ސަރުކާރުން ދައްކާވާހަކަތައް ކަށަވަރުނުވާ ކަމަށް ނޭޓޯގެ ތަރްޖަމާނަކު ވިދާޅުވިއެވެ.

ނޭޓޯ އިން ގައްޒާފީގެ ދަރިކަލުންނާއި ކާފަދަރިން އަވަހާރަކޮށްލުމުން ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބެންޣާޒީގައި ގެންދަނީ އެކަމާމެދު އުފާފާޅުކުރަމުން ކަމަށް އިދިކޮޅު ނޫހެއް ކަމަށްވާ އަލްބަރްނީޤް ބުނެއެވެ. (އަލްޖަޒީރާ+ޔުނައިޓެޑް ޕްރެސް)