ފަސް އަހަރު ދުވަސް ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެސެޓުތައް 2.2 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ގޮތްޕެއް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ޖިހާދު ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ސުމަކުން ފެށި އެ ބޭންކުގެ އެސެޓުތައް 2.2 ބިލިޔަން ރުފިޔާގެ އަގަށް އަރާފައިވާ ކަމަށެވެ.

"މި ބޭންކުގެ އެސެޓުތައް ސުމަކުން ފަށައިގެން، މިހާރު ހުރީ 2.2 ބިލިޔަނުގައި. މިއީ އާދަޔާއި ޚިލާފު ކާމިޔާބެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް ފަށާފައި ވަނީ 2011 ވަނަ އަހަރުގެ މާރިޗު މަހުގެ ހަތްވަނަ ދުވަހު އެވެ.

އެމްއައިބީ ގދ.ތިނަދޫ ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/މާހިލް މުހައްމަދު

ގދ. ތިނަދޫގައި ހުޅުވުނު އެމްއައިބީގެ ބްރާންޗަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ޖިހާދު ވިދާޅުވީ، ބޭންކުގެ އެހެނިހެން ގޮފިތަކަށް ވުރެ ތިނަދޫ ގޮފީގެ މަސައްކަތް މާ ބޮޑުތަން ރަނގަޅު ވާނެ ކަމަށެވެ.

"މި ރަށް ވާނެ ބޭންކިންގ އޮޕަރޭޝަންތަކުގައި ނަމޫނާ ރަށަކަށް. މިރަށުން ނަތީޖާ ނެރެ، އެހެން ބްރާންޗުތަކަށް ވުރެ މާ ރަނގަޅު މަސައްކަތް ކުރާނެ. މިރަށުގައި އެކަމުގެ ގާބިލިއްޔަތު އެބަހުރި. އިރާދަކުރެއްވިއްޔާ މި ރަށް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާނަން،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.