03 Apr 2016, 09:35
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ދެކުނުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ޕްރެޒިޑެންޓްސް ކަޕް ސައުތު ޏ. ފުވައްމުލަކުގައި އިއްޔެ ފަށައިފި އެވެ.
އިއްޔެ ހަވީރު ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފުވައްމުލަކު ސްޕޯޓްސް ކްލަބާއި ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ އެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ދަނޑިމަގު ޒުވާނުންގެ ޖަމްއިއްޔާ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ ސެޓްތައް ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ ގެންދިޔައީ 25-16، 25-18 އަދި 25-13 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާގެ ފާތިމަތު ރިޝާ އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ވެޝިނަލަ ޖަމިއްޔާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މެޗުގެ ސެޓްތައް މިސްކިތްމަގު އެންމެންގެ ގުޅުމުން ގެންދިޔައީ 25-12، 25-14 އަދި 25-14 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އައިޝަތު މާޖިދާ އެވެ.
އިއްޔެއިން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރެ އެވެ. އެއީ ފުވައްމުލަކު ސްޕޯޓްސް ކްލަބު، ވެޝިނަލަ ޖަމިއްޔާ، ފުވައްމުލަކު ވައި.އެސް.ޑީ.އޭ، ދަނޑިމަގު ޒުވާނުންގެ ޖަމްއިއްޔާ އަދި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މާލޭގައި ބާއްވާ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ލިބޭނެ އެވެ.
މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ސައުތުގެ ފައިނަލްގައި މަތިމަރަދޫ ޒުވާނުންގެ ރޫހުގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންކަން ހޯދީ ލ. ފޮނަދޫ ޒުވާނުންގެ ރޫހެވެ.