ރ. އިނގުރައިދޫގެ އަށް ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ތަކެތި ހޯދައިފި އެވެ.

ފުލުހުން ބުނީ އެ އަށް ގެ ބަލައި ފާސްކުރީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ގެތައް ބަލައިފާސްކުރި އިރު ފަސް ގެއަކުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ގިނަ ޢަދަދެއްގެ ފޮތްތަކާއި ލިޔުންތަކުގެ އިތުރުން ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިފަހަކަށް އައިސް ފުލުހުން ދަނީ ރާއްޖޭގެ އެކި ރަށްރަށުން ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ ތަންތަން ބަލާ ފާސްކޮށް އެކަމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ފަރާތްތައް ވެސް ގެންދަމުން ނެވެ. އެގޮތުން ދ. ހުޅުދެލިން ވެސް ދާދިފަހުން ފުލުހުން ވަނީ ސިހުރު ހެދުމަށް ބޭނުން ކުރާ ސާމާނުތަކެއް ހޯދާފަ އެވެ.